Advertisement

ތަސްލީމު ގެއްލުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާއީ ތަހުގީގެއް ފަށައިފި

2 ސެޕްޓެންބަރު 2024 - 16:25 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ގެއްލިފައިވާ ތަސްލީމު އަދި އޭނާ އެންމެ ފަހުން ފެނުނު ފިނޮޅު: މި މައްސަލާގައި ފުލުހުން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށާފައި --- ފޮޓޯ: ފުލުހުން / ގޫގުލް އާތު


ތަސްލީމު ގެއްލުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާއީ ތަހުގީގެއް ފަށައިފި

2 ސެޕްޓެންބަރު 2024 - 16:25 1

މާލެ އަތޮޅު ފިނޮޅަކަށް މިދިޔަ ހުކުރު ދުވަހު ދަތުރު ގޮސް އުޅެނިކޮށް މ. އަސަރީހަދާން، ތަސްލީމް މުހައްމަދު، 43، ގެއްލުމާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލާގައި ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ، ތަސްލީމު ގެއްލުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. ތަފުސީލެއް ނުދެއްވި ނަމަވެސް އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ޖިނާއީ ތަހުގީގެއް ކުރަނީ އޭނާ ގެއްލުވައިލި ކަމަށް ނުވަތަ ފުރާނައަށް ނުރައްކަލެއް އޮތް ކަމުގެ އިޝާރާތެއް ލިބިފައިވާތީ ކަމެއް ނުބުނެ އެވެ. އަދި، އޭނާ ހޯދުމަށް ހޮނިހިރު ދުވަހު ފެށި މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކ. އަތޮޅު ހުވަފެންފުށި ކައިރީ އޮތް ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް އެންމެ ފަހުން ފެނިފައި ވަނީ ހުކުރު ދުވަހު ހެދުނު 10:00 އާއި 11:00 އާ ދެމެދު އެ ފިނޮޅުގައި ހުއްޓާ ކަމަށް ފުލުހުން ހޮނިހިރު ދުވަހު ބުންޏެވެ.

އޭނާ ހޯދުމުގެ އޮޕަރޭޝަނުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެމްއެންޑީއެފުން ވަނީ، ތަސްލީމު ގެއްލުނީ މޫދަށްކަން ކަށަވަރުނުވާ ކަމަށްވެސް ބުނެފަ އެވެ. ސިފައިން މިހެން ބުނީ މި އޮޕަރޭޝަނުގައި ސިފައިންގެ ޑްރޯންތައް ބޭނުން ނުކުރާ ސަބަބު ސާފުކުރުމަށް ސުވާލުކުރުމުންނެވެ.

މި ނޫހާ ވާހަކަ ދައްކަމުން ތަސްލީމްގެ އާއިލާއިން ބުނީ އޭނާ ގެއްލިގެން އިއްޔެ ފުލުހުންނާއި އެމްއެންޑީއެފްއަށް ވެސް އަންގާފައިވާ ކަމަށެވެ. ދަތުރު ދިޔަ ފިނޮޅަކީ ފުދޭ ވަރަކަށް ބޮޑު ތަނެކެވެ. އެވަގުތު އެތަނުގައި އެހެން ބަޔަކު ވެސް އުޅުނެވެ.