މެންޗެސްޓާ (ސެޕްޓެމްބަރު 2) - ލިވަޕޫލުން އާ ކޮންޓްރެކްޓެއްގެ ވާހަކަތައް އަދިވެސް ފަށާފައިނުވާ ކަމަށާއި އެހެންވެ، މިއީ އެ ޓީމުގައި އޭނާ ހޭދަކުރާ ފަހު ސީޒަނަށް ވެދާނެ ކަމަށް ލިވަޕޫލަށް ކުޅޭ މިސްރުގެ ތަރި މުހައްމަދު ސަލާހު ބުނެފި އެވެ.
ލިވަޕޫލާ 2017 ވަނަ އަހަރު ގުޅުނު ސަލާހު، އެންމެ ފަހުން އެ ޓީމުގެ ކޮންޓްރެކްޓް އާ ކުރީ، 2022 ވަނަ އަހަރު އެވެ. އެއީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. ހަފްތާ އަކު، 370،000 ޑޮލަރު ލިބޭ އެއްބަސްވުން، އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ސަލާހަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ސައުދީގެ އަލް އިއްތިހާދުން ހުށަހެޅި 200 މިިލިއަން ޑޮލަރުގެ ޑީލެއް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި ރޭ ލިވަޕޫލް މޮޅުވި މެޗަށް ފަހު ސަލާހު ބުނީ، އެ މެޗަށް އޭނާ ނުކުތީ، މިއީ، ފަހު ފަހަރު ކަމަށް ދެކިގެން ކަމަށެވެ.
"މެޗަށް އައިއިރު އަހަންނަށް ވިސްނިފައި އޮތީ، މިއީ މި ދަނޑުގައި (ލިވަޕޫލަށް) އަހަރެން ކުޅޭ ފަހު ފަހަރު ކަމަށް ވެދާނެތީ މޮޅުވާން. އެއްވެސް މީހަކު ކްލަބުން އަހަންނާ އަދި ކޮންޓްރެކްޓްގެ ވާހަަކަ ނުދައްކާ. އެހެންވީމަ، ފަހު ފަހަރު ކުޅެލާފައި، ސީޒަން ނިމުނީމަ ދެން ހުރި ކަންތަކާ ވިސްނަން އަހަރެން މި ހުރީ،" ސަލާހު ބުންޏެވެ.
ސަލާހުގެ އެ ވާހަކަތަކާ ގުޅޭގޮތުން، ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓްއާ ސުވާލުކުރުމުން އޭނާ ބުނީ، ކުޅުންތެރިންގެ ކޮންޓްރެކްޓާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އޭނާ ކުރާ ކަމެއް ނޫން ކަމަށާއި އެކަމަކު، ސަލާހު މި މެޗުގައި ދެއްކި ކުޅުމާ ބެހޭގޮތުން ގަޑިއިިރުތަކެއް ވަންދެން ވެސް ވާހަަކަ ދެއްކިދާނެ ކަމަށެވެ. އަދި ސަލާހަކީ ލިވަޕޫލް ކުޅުންތެރިއެއް ކަމަށާއި ޓީމުގައި އެ ފަަދަ ކުޅުންތެރިއަކު ހުރީތީވެ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ޔުނައިޓެޑް ދަނޑުގައި ރޭ ލިވަޕޫލް މޮޅުވިއިރު، ސަލާހު ވަނީ ދެ ގޯލު ޖަހަން ފުރުސަތު ހޯދައިދިނުމުގެ އިތުރުން ގޯލެއް ވެސް ޖަހައިފަ އެވެ.
Comment