2 ސެޕްޓެންބަރު 2024 - 08:05 0
2 ސެޕްޓެންބަރު 2024 - 08:05 0
މެންޗެސްޓާ (ސެޕްޓެމްބަރު 2) - އާ ކުޅުންތެރިން ގެނެސް ކުއްލިއަކަށް ޓީމުގެ ހާލަތު އެއްކޮށް ބަދަލުކޮށްލަން، އޭނާ އަކީ ހެރީ ޕޮޓާ ފަދަ ޖާދޫ ހަދާ މީހެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ ރޭ ލިވަޕޫލް އަތުން 3-0 އިން ބަލިވެފަ އެވެ. މި ފަހަރުގެ ސީޒަނުގައި ޔުނައިޓެޑުން ކުުޅުނު ހަތަރު މެޗުގެ ތެެރެއިން ތިން މެޗުން މި ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑް މޮޅުވީ، ލީގުގެ ފުރަތަމަ މެޗުގައި، ފުލަމް އަތުން 1-0 އިންނެވެ. އެކަމަކު، ޗެރިޓީ ޝީލްޑް މެޗުން މެންޗެސްޓާ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު، ލީގުގައި މިދިޔަ ހަފްތާގައި ބްރައިޓަން ދަނޑުގައި 2-1 އިން ވަނީ ބަލިވެފަ އެވެ.
ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަ ކުރަން މި ފަހަރު ވެސް 100 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކޮށް، ޔުނައިޓެޑުން ވަނީ ހަތަރު ކުޅުންތެރިން ސޮއިކޮށްފަ އެވެ. އެކަމަކު، އެ ޓީމުގެ ނަތީޖާތައް ރަނގަޅުނުވާތީ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ޓެން ހާގް ބުނީ، ލިވަޕޫލް އަތުން ބަލިވި މެޗުގެ ޕޮޒިޓިވް ކަމެއްގެ ވާހަކަ ދައްކައިގެން ކަމެއް ބަދަލުނުވާނެ ކަމަށާއި އެ މެޗުގެ ނަތީޖާ އަކީ ޔުނައިޓެޑްގެ ކޮންމެ މީހަކަށް ވެސް ދެރައެއް ކަމަށެވެ. މި ވަގުތުގެ ހާލަތު ފެންނަ ގޮތުން، މިއީ މިދިޔަ ސީޒަނާ ދާދި އެއްކަހަލަ ގޮތަކަށް ކަންކަން ދާ ފަހަރެއް ކަމަށް ހީވެދާނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.
އެކަމަކު، ހަގީގަތާ ކުރިމަތިލާން ޖެހޭނެ ކަމަށް ޓެން ހާގް ބުނެފައިވެ އެވެ.
"އަހަންނަކީ ޖާދުލެއް ހަދަން ހެރީ ޕޮޓާ އެއް ނޫން. ތި މީހުން ވެސް ގަބޫލުކުރަން ޖެހޭނެ މި ކަން. ތިން ކުޅުންތެރިއަކަށް (މަތައިސް ޑި ލިޓް، ޖޯޝުއާ ޒާކްޒީ އަދި އަލެހަންދްރޯ ގާނާޗޯ އަށް) މިއީ، ސީޒަނުގައި ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗު. މެނުއަލް އުގާޓޭ އެންމެ މިނިޓެއް ވެސް ނުކުޅޭ، އޭނަ ފިޓްނަސް އަށް މަސައްކަތްކުރަން ޖެހޭ، އޭނަގެ ފަރާތުން މި ޓީމަށް ފައިދާތަކެއް ކުރާނެ، ސުވާލަކީ އޭނަ ފިޓްވާން ނަގަނީ ކިތައް ހަފްތާތޯ ނޫނީ މަހެއްތޯ،" ޓެން ހާގް ބުންޏެވެ.
ޓެން ހާގް ބުނީ މިއީ ލީގުގެ ތިން ވަނަ މެޗު ކަމަށާއި ދިގު ސީޒަނެއް ކުރިއަށް އޮތުމުން ޓީމުގެ ކުޅުންތެރިން އެކުގައި މަސައްކަތްކޮށް ވަރުގަދަ ކުރަން ކަންކަން ކުރާނެ ކަމަށެވެ. އަދި ކަންކަން ބޭނުންވާ ގޮތަށް ގޮސްފިނަމަ މި ސީޒަނުގައި ވެސް ޔުނައިޓެޑަށް ތަށްޓެއް ހޯދުމުގެ ވަރަށް ފަހި ފުރުސަތެއް އެބައޮތް ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment