1 ޖަނަވަރީ 2025 - 15:19 0
1 ޖަނަވަރީ 2025 - 15:19 0
ލަންޑަން (ޖެނުއަރީ 1) - އިނގިރޭސި ޕްރިމިއާ ލިގުގެ ރޭހުގައި އާސެނަލަށް އަދިވެސް ގިނަ ފުރުސަތުތަކެއް އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 18 މެޗުން 45 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 19 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ 18 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ.
ލީގުގައި މިރޭ ބްރެންޓްފޯޑް ދަނޑުގައި ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެނަމަ، ދެ ވަނަ އަށް އަރައި، ލިވަޕޫލްގެ ލީޑު ހަ ޕޮއިންޓަށް ކުޑަވާނެ އެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޓެޓާ ބުނީ، ލީގުގެ ރޭހުގައި ދެމި އޮވެ ކުރިއަށްދިއުމަށް ބަލާއިރު އާސެނަލުން ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
އަދި 2004 ވަނަ އަހަރުގެ ފަހުން އާސެނަލުން ލީގު ހޯދަން މަސައްކަތް ކުރަމުން އަންނައިރު، މި ފަހަރުގެ ސީޒަނުގެ ފަހު ހަ މަހަށް ދާއިރު އެ ޓީމަށް ލީގު ހޯދަން އުންމީދުތަކެއް ކުރެވޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
"ލީގުގެ ރޭސް މި އޮތީ އަހަރެމެން ހަދާ ގޮތެއްގެ މައްޗަކަށް ނޫން. ދެން އޮތް ޓީމެއް، ހުރިހާ މެޗަކުން މޮޅުވެގެން ކާމިޔާބު ހޯދާނަމަ މަރުހަބާ ކިޔާފައި، އަހަރެމެން ދެން އަންނަ އަހަރަކަށް ވަރުގަދަ އަށް ތައްޔާރުވާންވީ،" އާޓެޓާ ބުންޏެވެ.
"އެކަމަކު، ތާރީހުގައި ވެސް ވެފައި އޮތް ކަންކަމަށް ބަލާއިރު ދެން އޮތް ޓީމަށް ހުރިހާ މެޗަކުން މޮޅުނުވެވެންޏާ އަހަރެމެން މި ރޭހުގައި ކުރިއަށްދާން ހިތްވަރުކުރަން ޖެހޭ،"
އިނގިރޭސި ޕްރިމިއާ ލީގުގެ ފާއިތުވި ދެ އަހަރު ވެސް ދެ ވަނަ އަށް ދިޔައީ އާސެނަލް އެވެ. އާޓެޓާ ބުނީ މި ސީޒަނުގެ މިހާތަނަށް ބެލިޔަސް އޭނާގެ ޓީމުން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ހަގީގަތުގައި ބޭނުންވާ ކުރިއެރުން ލިބެން އޮތީ ތަށި ހޯދައިގެން ކަމަށް ވެސް އާޓެޓާ ވަނީ ބުނެފަ އެވެ.
Comment