Advertisement

ވޯކް ޕާމިޓާއި ކޯޓާ ފީ ބޮޑުކުރެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ރައީސް ތަސްދީގު ކުރައްވައިފި

1 ސެޕްޓެންބަރު 2024 - 21:23 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ވޯކް ޕާމިޓާއި ކޯޓާ ފީ ބޮޑުކުރެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ރައީސް ތަސްދީގު ކުރައްވައިފި

1 ސެޕްޓެންބަރު 2024 - 21:23 0

ކޮންމެ ތިން އަހަރަކުން ކޯޓާ ފީ އާއި ވާކް ޕާމިޓް ފީ ބޮޑުކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ، އޮގަސްޓު 19, ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. ގިނަ ބަދަލުތަކެއް އެ ގާނޫނަށް ގެންނަން ފާސްކުރި މި ބިލުގައި ވަނީ ބިދޭސީއަކު މަސައްކަތްކުރާނެ ވޯކްސައިޓް ރަޖިސްޓަރީ ކުރުމާއި، ކަމާ ގުޅޭ އެނޫންވެސް ހުއްދަތައް ހޯދުމާއި، އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުމާއި ވޯކް ޕަރމިޓް ހެއްދުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފަ އެވެ.

ގާނޫނަށް ގެނައި އެންމެ މުހިންމު ބަދަލަކީ ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީ ކޮންމެ ތިން އަހަރަކުން 30 ޕަސެންޓަށް ވުރެ އިތުރުނުވާނެ ގޮތަށް ބޮޑުކުރެވޭނެ ގޮތަށް ގެނައި ބަދަލެވެ.

އޭގެ އިތުރުން ބިދޭސީ މުވައްޒަފުންނާ މެދު އިހުމާލުވާ ފަރާތްތަކުން އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރެވޭ ގޮތަށް ވެސް ގާނޫނުގައި ވަނީ ހިމަނާފަ އެވެ.

މިހާރު ކޯޓާ ފީއަކީ އަހަރެއްގެ މައްޗަށް 2,000ރ. އެވެ. އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި މަހެއްގެ މައްޗަށް 350ރ. ދައްކަން ޖެހެ އެވެ.

މި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި ގެޒެޓުގައި ޝާއިއުކުރަން ޖެހެ އެވެ.

މިވަގުތު ރާއްޖޭގައި ބިދޭސީންގެ ކަންކަން ބަލަހައްޓަމުން ދަނީ ހޯމް މިނިސްޓްރީގެ ދަށުން މިނިސްޓަރު އަލީ އިހުސާން އެވެ.