Advertisement

ފުލުހުންގެ ބަންދުގައި ހުރި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

1 ސެޕްޓެންބަރު 2024 - 20:00 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވަޅިން ބިރު ދައްކައި އަތުހަރު އަންހެނަކު ރަހީނު ކުރުމުން އޭނާ ހައްޔަރުކުރަން ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިން އިރުގެ ފޮޓޯއެއް. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފުލުހުންގެ ބަންދުގައި ހުއްޓައި މިރޭ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި. --- ފޮޓޯ; އަދަދު ފައިލް


ފުލުހުންގެ ބަންދުގައި ހުރި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

1 ސެޕްޓެންބަރު 2024 - 20:00 2

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާއެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށާއި، އޭނާ އަދި މަރު ނުވާ ކަމަށެވެ. ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ރަހީނު ކުރުމުގެ ހާދިސާއާ ގުޅިގެން އަތުހަރު ހޮނިހިރު ދުވަހު ހެނދުނު އަތުހަރު އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް ގެންދިޔަ އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓުކުރީ ހަމަ އެ ދުވަހު ހަވީރު އެވެ.

އެއަށްފަހު އަތުހަރުއަށް އިތުރު ފަރުވާ ދިނުމަށްފަހު އަނބުރާ ކަސްޓޯޑިއަލްއަށް ގެންދިޔައީ އިއްޔެ އެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށް، ދޫނިދޫއަށް ގެންގޮސްފައި ވަނީ ވެސް އިއްޔެ އެވެ.

އަތުހަރުގެ އާއިލާއިން އޭނާގެ ހާލު ރަނގަޅަށް ކިޔައި ނުދީ، މުޅިން ރަނގަޅު ނުވަނީސް ކަސްޓޯޑިއަލްއަށް ގެންދިޔުމުން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

"ސްޓޭބަލް ކަމަކަށް ގަބޫލެއް ނުކުރަން، އޭނާގެ ބުރަކަށްޓަށް ވެސް ގެއްލުންވެފައި ހުރީ، ލޮލާއި ބޮލަށް ވެސް ގެއްލުންވެފައި ހުރީ، ހާލަތު އެއްވެސް ވަރަކަށް ކިޔައެއް ނުދޭ، ބުނަނީ ހަމަ ސްޓޭބަލްއޭ ސްޓޭބަލްއޭ،" އާއިލާއިން ބުންޏެވެ.

އަތުހަރަށް ބޮޑަށް އަނިޔާވީ ރަހީނު ކޮށްފައި ހުރި އަންހެން މީހާ ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހުން ގޮސް އޭނާގެ ބޮލުގައި މުގުރަކުން ޖެހުމުންނެވެ. އަތުހަރަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އޭނާގެ ބޮލުން ވަރަށް ބައިވަރު ލޭ އެ ސަރަހައްދު މަގުމައްޗަށް އޮހުރިފައި ހުއްޓެވެ.

އަތުހަރުގެ ބޮލުގައި މުގުރުން ޖެހުމުން ސައިކަލާއެކު އަންހެން މީހާ އާއި އޭނާ ވެސް ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނެ އެވެ. އަންހެން މީހާ ސަލާމަތް ކުރީ އެ ސަރަހައްދުގައި އެ ވަގުތު ތިބި ފުލުުހުންނާއި އާންމުން ގޮހެވެ.

އަތުހަރު ރަހީނުކުރި އަންހެން މީހާއަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފުލުހެކެވެ. އޭނާއަށް ހާދިސާ ހިނގި ރޭ ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.