Advertisement

ބެޑްމިންޓަންގެ ކުރިއަށް އޮތް ޖީލަށް ޓަކައި މިހާރު އޮތް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަށް ފިޔަވަޅު އަޅަންޖެހޭ

1 ސެޕްޓެންބަރު 2024 - 12:54 14

ނަބާ އާއި ޒަޔާން: ދެ ކުޅުންތެރިން އަންނަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރު އޮތް ހިންގާ ކޮމީޓީގެ މައްސަލަތައް ފާހަގަކޮށް އެ ކަމާ ދެކޮޅަށް އަޑުއުފުލަމުން.


ބެޑްމިންޓަންގެ ކުރިއަށް އޮތް ޖީލަށް ޓަކައި މިހާރު އޮތް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަށް ފިޔަވަޅު އަޅަންޖެހޭ

1 ސެޕްޓެންބަރު 2024 - 12:54 14

ބެޑްމިންޓަންގެ ކުރިއަށް އޮތް ޖީލަށްޓަކައި މިހާރު އޮތް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގާ ކޮމިޓީ އަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އެންމެ ފަހުން ދެ އޮލިމްޕިކްސްގައި ވެސް ރާއްޖެ ތަމްސީލްކުރި ބެޑްމިންޓަން ތަރި، ފާތިމަތު ނަބާހާ (ނަބާ) ބުނެފި އެވެ.

ރާއްޖޭގެ ބެޑްމިންޓަންގެ ކަންކަން ރަނގަޅު ނުކުރެވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އެކި ފަރާތްތަކަށް މައުލޫމާތު ދިނުމުގައި ކަންކަން އޮޅުވާލާތީ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.

ތޮލާލް މި ގޮތަށް ވިދާޅުވީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިިއުއެފް) އަށް ބެޑްމިންޓަން އެސޯސިއޭޝަނުން ދިން ނުބައި މައުލޫމާތުތަކަކާ ހެދި މައްސަލަތަކެއް ދިމާވެފައިވަނިކޮށް އެކަމާ ގުޅިގެންނެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ނުރަނގަޅު މައުލޫމާތުތަކެއް ބީޑަބްލިއުއެފް އަށް ދިނީ، މީގެ ދެ ހަފްތާ ކުރިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލްގެ ދަށަށް ގެންނަން ތޮލާލް ނިންމެވި ނިންމުމާ ގުޅޭގޮތުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. މިއަދު މެންދުރު ފަހަށް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވާ އެ މައްސަލަ އަކީ، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ސްޕޯޓްސް ކައުންސިލާ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ހަވާލުކުރަން ނިންމާފައިވާ ނިންމުމަށް އަމަލުކުރަން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދި ބެޑްމިންޓަން އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލައެކެވެ.


ސްޕޯޓްސް ކޮމިޝަނަރު ތޮލާލްގެ ހަބަރު ޝެއާކުރުމަށް ފަހު، ނަބާ ފޭސްބުކްގައި ލިޔެފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން އިން އޮޅުވާލައިގެން ވާހަކަ ދެއްކުމަކީ އަލަށް ވާ ކަމެއް ނޫން ކަމަށެވެ.

"އެތަށް ފަހަރެއްގެ މަތިން، ކުޅުންތެރިން، ޕޭރެންޓްސް އަދި ކޯޗިންނަށް ވެސް ވަނީ އެކި ކަންކަމުގައި އޮޅުވާލައިފައި. މިހާރު ބެލެވެމުންދާ ބީއޭއެމްގެ މައްސަލަތައް ރަނގަޅަށް ބަލައި، މައްސަލަތައް ހައްލުކުރުން މުހިންމު، ކުރިއަށް އޮތް ޖީލަށް މި އަށް ވުރެ ރަނގަޅު ގޮތެއް ވެ، ބެޑްމިންޓަން ކުރިއަރާނެ ހަމައެކަނި ގޮތަކީ މިހާރުގެ އެކްސްކޯ އުވާލައި ކުޅުންތެރިންގެ ކުރިއެރުވުމަށް އިސްކަންދޭ ބަޔަކު އައުން،" ނަބާ ލިޔެފައިވެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރު އޮތް ލީޑަޝިޕްގެ މުއްދަތު، މި އަހަރުގެ މާޗް މަހަށް ހަމަވެފައި އޮތްއިރު، މިދިިޔަ ތިން ދައުރުގެ ރައީސް، މޫސާ ނާޝިދު (މޫސަ) ވަނީ މިދިޔަ މަހު، މަގާމުން އިސްތިއުފާ ދީދަ އެވެ.

ތޮލާލް ވިދާޅުވީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އޮތް ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމުން، އެ ކޮމިޓީގެ މުއްދަތު އިތުރުކޮށްދޭން އެ އެސޯސިއޭޝަނުން ހުށަނާޅާ ކަމަށެވެ. ބެޑްމިންޓަނާ ގުޅޭ ކަންކަން ރަނގަޅު މަގުން ކުރިއަށް ގެންދިއުމަށް ގަސްދުކޮށް، ބެޑްމިންޓަން އެސޯސިއޭޝަނަށް ތަކުރާރުކޮށް، އަސާސީ ގަވާއިދުގެ ކަންކަން ނިންމައި، އިންތިހާބެއް ބާއްވަން ދިން ހުރިހާ ފުރުސަތެއްގައި ވެސް، ކޮމިޝަނުން ދިން ލަފަޔަށް ބެޑްމިންޓަން އެސޯސިއޭޝަނުން ދިނީ "ބީރު ކަންތަފެއް" ކަމަށް ތޮލާލް ފާހަގަކުރެއްވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ އިންތިހާބީ މެމްބަރުން މުއްދަތު ހަމަވި ނަމަވެސް، މަގާމުގެ ޒިންމާތަކުގައި ތިބީ، ބީޑަބްލިއުއެފަށް ގޯސް މައުލޫމާތުތަކެއް ދީގެން، އެކަން ނިވައިފަތްގަނޑަކަށް ބޭނުންކޮށްގެން ކަމަށް ބެޑްމިންޓަން ކޮމިއުނިޓީން އަންނަނީ ބުނަމުންނެވެ.