Advertisement

މަރެސްކާގެ ފޯނުކޯލުން ސަންޗޯގެ ހިތްލެނބުނީ ޗެލްސީގެ ޕްރޮޖެކްޓަށް

1 ސެޕްޓެންބަރު 2024 - 12:17 0


މަރެސްކާގެ ފޯނުކޯލުން ސަންޗޯގެ ހިތްލެނބުނީ ޗެލްސީގެ ޕްރޮޖެކްޓަށް

1 ސެޕްޓެންބަރު 2024 - 12:17 0

ލަންޑަން (ސެޕްޓެމްބަރު 1) - މުސްތަގުބަލާ ގުޅޭގޮތުން މުހިންމު ނިންމުމެއް ނިންމަން ޖެހިފައިވަނިކޮށް، ޖޭޑަން ސަންޗޯގެ ޝައުގުވެރިކަން ޗެލްސީއާ ގުޅެން އުފެދުނީ، އެ ޓީމުގެ ކޯޗު، އެންޒޯ މަރެސްކާގެ ފޯނުކޯލަކުން ކަމަށް ސަންޗޯ ބުނެފި އެވެ.

މީގެ ތިން އަހަރު ކުރިން، 90 މިލިއަން ޑޮލަރަށް، ޔުނައިޓެޑަށް ބަދަލުވި ސަންޗޯ އާއި ޔުނައިޓެޑްގެ ކޯޗު އެރިިކް ޓެން ހާގާ ދެމެދު މައްސަލަ ޖެހި، ސަންޗޯ މިދިޔަ ސީޒަނުގައި ވަނީ ލޯނަކަށް ކުރީގެ ކްލަބް، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެފަ އެވެ. ސަންޗޯ އަށް އަލުން ޔުނައިޓެޑުން ފުރުސަތު ލިބޭނެ ކަމަށް ޓެން ހާގް މި ސީޒަނުގައި ބުނި ނަމަވެސް، ސަންޗޯ އަށް ޓީމުން ފުރުސަތެއް ނުދެ އެވެ.

އެހެންވެ، ސަންޗޯ ވަނީ ކެރިއަރު އަލުން ހަމަ މަގަަށް އެޅުވުމުގެ ގޮތުން އެހެން ކްލަބަކަށް ބަދަލުވާން މަސައްކަތް ފަށައި، ޓީިމުތަކާ ބައްދަލު ވެސް ކޮށްފަ އެވެ. އެ ގޮތުން، ސަންޗޯ މަޝްވަރާތައް ކުރިއަށްގެންދިޔަ އެއް ކްލަބަކީ އިޓަލީގެ ޔުވެންޓަސް އެވެ.

ސަންޗޯ، ޓްރާންސްފާގެ ފަހު ދުވަހު، ޗެލްސީ އަށް ބަދަލުވީ އެއް އަހަރުގެ ލޯން ޑީލެއްގައި ނަމަވެސް އެއްބަސްވުން ދާއިމީ ކުރުމުގެ ޝައުގުވެރިކަން މިހާރު ވެސް އެބަހުއްޓެވެ.

"އަހަންނަށް އޭނަ އެނގޭ ޕެޕް ގާޑިއޯލާއާ އެކު މެންޗެސްޓާ ސިޓީގައި މަސައްކަތްކުރިއިރުގައި ވެސް،" ސިޓީގެ ޔޫތު ޓީމަށް ކުރިން ކުޅުނު ސަންޗޯ ބުންޏެވެ.

"އޭނަ (މަރެސްކާ) އަހަންނަށް ފޯނުން ގުޅާފައި ޗެލްސީގައި މި ކުރިއަށްދާ ޕްރޮޖެކްޓްގެ ވާހަކަ އަހަންނާ ހިއްސާކުރި. އަހަރެން ކަހަލަ މުސްތަގުބަލާ މެދު ބޮޑު އުންމީދުތަކެއް ކުރާ ކުޅުންތެރިންނަށް ވަރަށް ރަނގަޅު ޕްރޮޖެކްޓެއް މި އޮތީ، ޗެލްސީގައި ކެރިއަރު އަލުން ފަށަން ވަރަށް ބޮޑަށް ބޭނުންވެފައި މި ހުރީ،"

ސީޒަން ނިމުމުން، ސަންޗޯގެ އެއްބަސްވުން ދާއިމީ ކޮންޓްރެކްޓަކަށް ބަދަލުކުރެވޭ ގޮތަށް އޮތްއިރު، އެކަން ކުރުމަށް ޗެލްސީން 30-40 މިލިއަން ޑޮލަރުގެ ފީއެއް ޔުނައިޓެޑަށް ދައްކަން ޖެހޭނެ އެވެ.

ސަންޗޯ ބުނީ ޗެލްސީ އަކީ އަބަދުވެސް އޭނާ ޝައުގުވެރިވާ ކްލަބެއް ކަމަށާއި އެ ކްލަބްގެ ލެޖެންޑުން ކަމަށްވާ ޑިޑިއޭ ޑްރޮގްބާ އާއި ފްރޭންކް ލަމްޕާޑަކީ އައިޑޮލުން ކަމަށެވެ.