Advertisement

ތަމްރީނުތައް ބައްޓަން މިކުރަނީ ފުލުހުންނަކީ ތަހުޒީބު، ޕްރޮފެޝަނަލް ބަޔަކަށް ހަދަން: ސީޕީ

1 ސެޕްޓެންބަރު 2024 - 11:37 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކަމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު: ފުލުހުންގެ މަސައްކަތަށް ތައުރީފާއި ފާޑުކިޔުން އަމާޒު ވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ތަމްރީނުތައް ބައްޓަން މިކުރަނީ ފުލުހުންނަކީ ތަހުޒީބު، ޕްރޮފެޝަނަލް ބަޔަކަށް ހަދަން: ސީޕީ

1 ސެޕްޓެންބަރު 2024 - 11:37 0

ފުލުހުން ކުރާ ކޮންމެ މަސައްކަތެއް (ރައްޔިތުންގެ) ކެމެރާތަކަށް ނެގެމުން އަންނަ ކަމަށާއި ފުލުހުންގެ ތަމްރީނުތައް ބައްޓަންކުރަނީ އެގޮތަށް ނަގާ މަންޒަރުތަކުގައި "ތަހުޒީބު ޕްރޮފެޝަނަލް" މަސައްކަތެއް ފެންނަ ގޮތަށް ކަމަށް ކަމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރަން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝުޖާއު ވިދާޅުވީ ކޮންމެ ފުލުހަކު، ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ރައްކާތެރިކަންދޭން ކަމަށާ އެ މަސައްކަތުގައި ތައުރީފާއި ފާޑުކިއުން ކުރިމަތިވާނެ ކަމަށެވެ. އެއީ މަސައްކަތުގެ ބައެއް ކަން ފުލުހުން ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދަކީ ޓެކްނޮލޮޖީ އާއި ސޯޝަލްމީޑިއާގެ ޒަމާން، މަގުމަތީގައި ހުންނަ ކޮންމެ ފުުލުހަކަށް، އެތައް ބައިވަރު ކެމެރާތައް އެކިއެކި އޭންގަލްތަކުން [އަމާޒުކޮށް]، އެކިއެކި މަންޒަރުތައް ނަގާނެކަން އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެން ފުލުހުންގެ ތަމްރީނުތައް ބައްޓަން މިކުރަނީ ކޮންމެ ދުވަހަކު ވެސް މިގޮތަށް ނެގޭ މަންޒަރުތަކުގައި ތަހުޒީބު ޕްރޮފެޝަނަލް ފުލުހުންގެ ސިފަތައް ހުންނާނެ ބަޔަކަަށް ހެދޭތޯ،" ސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުށުގެ ވެއްޓަން އަންނަމުންދާ ބަދަލުތަަކަށް ފުލުހުން ތައްޔާރުކުރަން ވަރަށް ގިނަ މަސައްކަތްތަކެެއް ކުރަން ޖެހެ އެވެ. ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތައް (ގޭންގްތައް) ކަން ފާހަަގަ ކުރައްވައި އޭނާ ވިދާޅުވީ އެކަމުން މުޖުތަމައު ސަލާމަތްކުރުމަށް ޓަކައި ތަފާތު ގޮތަކަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ގައުމުގައި ރޭވިގެން ހިންގާ ބޮޑެތި ކުށްތައް ތަހުގީގުކުރުމުގައި ފުލުހުން މިހާރަށް ވުރެ ކުޅަދާނަވާން އެބަ ޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.

ޓެރަރިޒަމާއި ފައިނޭންޝަލް ކުށްތައް ތަހުގީގުކުރުމުގައި ފުލުހުންގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.