Advertisement

އަތުހަރަށް ލިބެން އޮތް ބޮޑު އަނިޔާއަކުން އޭނާ ސަލާމަތްކުރީ ފުލުހަކު ޒަހަމްވެގެން: ސީޕީ

1 ސެޕްޓެންބަރު 2024 - 10:44 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ބުރާސްފަތިދުވަހުގެ ރޭ އަންހެނަކު ރަހީނުކުރި މީހާ ހުއްޓުވަން ފުލުހުން މަސައްކަތްކުރި ސަރަހައްދަށް ލޭތަކެއް އެޅިފައި. ފައިލްފޮޓޯ/އަދަދު


އަތުހަރަށް ލިބެން އޮތް ބޮޑު އަނިޔާއަކުން އޭނާ ސަލާމަތްކުރީ ފުލުހަކު ޒަހަމްވެގެން: ސީޕީ

1 ސެޕްޓެންބަރު 2024 - 10:44 0

މާލޭގައި އަންހެނަކަށް އަަނިޔާކޮށް، ވަޅިން ބިރުދައްކައި، ރަހީނުކޮށްގެން ގެންދަން އުޅެނު މީހަކު ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަނުގައި ފުލުހެއްގެ އަތް ވަރަށް ބޮޑަށް ޒަހަމްވި ކަމަށާއި ރަހީނުކުރި މީހާ ބޮޑު އަނިޔާއަކުން ސަލާމަތްވީ އަތް ޒަހަމްވެގެން ފުލުސްމީހާ ކުރި މަސައްކަތުން ކަމަށް ޕޮލިސް ކަަމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރަން އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވީ ފުލުހަކަށް އަނިޔާވީ އާދަމް އަތުހަރު ވެއްޓުނު ވަގުތު، އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން ކަމަށެވެ. އެ އޮޕަރޭޝަނުގައި ފުލުހަކަށް ލިބުނު އެ އަނިޔާ، އެއްވެސް މީޑިއާއަކުން އަދި ރިޕޯޓްނުކުރާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ނިމިގެން ދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ، ރައްޔިތަކު ސަލާމަތްކުރުމަށްޓަކައި އެ ކުރި މަސައްކަތުގައި ސަސްޕެކްޓް [އަތުހަރު] ވެއްޓުނު ވަގުތު އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން، ސަސްޕެކްޓް ސަލާމަތްކުރުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ އަދި އެއްވެސް މީޑިއާއެއްގައި އޮތް ވާހަކައެއް ނޫން،" ސުޖާއު ވިދާޅުވި އެވެ. "އޭނާގެ [ފުލުސް މީހާގެ] އަތުގެ އިނގިލިތަކަށް ލިބުނު ޒަހަމްތައް އެއީ ސަސްޕެކްޓަށް ލިބެން އޮތް ބޮޑު އަނިޔާއަކުން ސަލާމަތްވާން މެދުވެރިވި ސަބަބު."

ސީޕީ މިމޭރުމުން ވާހަކަދެއްކެވި އިރު އެ އޮޕަރޭޝަނާ ގުޅޭ ގޮތުން މީޑިއާތަކަށް ފުލުހުން ކުރިން ދިން މައުލޫމާތުގައި އެކަން ހިމަނައިފައެއް ނެތެވެ. ފުލުހުން އޭރު ދިނީ ރަހީނުކުރި މީހާއަށް ލިބުނު އަނިޔާ އާއި އޭނާއަށް ފަރުވާ ކުރި ގޮތުގެ މައުލޫމާތެވެ.

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި، އާދަމް އަހުތާރު، 32، އަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ އިއްޔެ އެވެ. ދޫކޮށްލުމާ އެކު އޭނާ ފުލުހުންގެ ބަންދަށް ގެންދިޔަ އެވެ.