1 ސެޕްޓެންބަރު 2024 - 10:16 0
ލީވާން އަލީ ނާސިރު
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް: އުރީދޫގެ 5ޖީ ނެޓްވޯކް ވަރުގަދަވެ، ތަޖުރިބާ ވެސް ރަނގަޅުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އުރީދޫ
1 ސެޕްޓެންބަރު 2024 - 10:16 0
އުރީދޫ މޯލްޑިވްސްގެ 5-ޖީ ނެޓްވޯކް ވަރުގަދަވެ، ކަސްޓަމަރުންނަށް ކުރެވޭ ތަޖުރިބާ ވެސް ރަނގަޅުވާނެ ކަމަށް އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސާ (ސީސީއޯ) ހުސެއިން ނިޔާޒް ވިދާޅުވެއްޖެ އެވެ.
"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނިޔާޒް ވިދާޅުވީ އިންޑިއާ އާއި ސްރީލަންކާ މަގުން ނުގޮސް ފުރަތަމަ ފަހަރަށް ސީދާ ރާއްޖެއިން ސިންގަޕޫރާއި ޔޫރަޕަށް ސަބްމެރިން ކޭބަލްތަކުން ޑޭޓާ ސެންޓަރުތައް ގުޅާލެވުމުން 5-ޖީ ގެ އެންމެ ރަނގަޅު ތަޖުރިބާ ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އަތުގައި އެކަނި ދެ ޑޭޓާ ސެންޓަރު މި އިންނަނީ. ޑޭޓާއަށް ވަރަށް ބޮޑަށް މުހިންމުވެފައި މި އޮންނަނީ. އެކަތި ފެއިލްވީމަ އަނެއްކައްޗަށް ދާން ޖެހޭނެ. ޑޭޓާ ސެންޓާސް މި ހުންނަނީ ހޯސްޓް ކޮށްފައި ގޫގުލް ކަހަލަ ނެޓްފްލިކްސް ތަންތަނުގައި ޑޭޓާ ކޭޝް ކޮށްފައި މި ހުންނަނީ އަޅުގަނޑުމެންގެ ޑޭޓާ ސެންޓަރުގައި،" ނިޔާޒް ވިދާޅުވި އެވެ.
ރާއްޖެ އާއި ސިންގަޕޫރު ސަބްމެރިން ކޭބަލުން ގުޅާލެވުނީ ކުޅުއްދުއްފުށީގައި ހުރި އުރީދޫގެ ޑޭޓާ ސެންޓަރު މެދުވެރިކޮށެވެ. އުރީދޫގެ ޑޭޓާ ސެންޓަރެއް ހުޅުމާލޭގައި ވެސް ހުރެ އެވެ.
ނިޔާޒް ވިދާޅުވީ ދެ ޑޭޓާ ސެންޓަރު ހުރުމުގެ ބޭނުމަކީ އެއް ޑޭޓާ ސެންޓަރުގެ ހިދުމަތަށް ބުރޫ އެރުމުން، އަނެއް ޑޭޓާ ސެންޓަރުން ހިދުމަތް އެންމެ ފުރިހަމައަށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
ޑޭޓާ ސެންޓަރުގެ މުހިންމުކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ މުޅި ދުނިޔެއަށް ރާއްޖެ ހުޅުވިފައި އޮންނައިރު އެހެން ބޮޑެތި ގައުމުތަކުން ވެސް ލިބޭ ހިދުމަތް ރާއްޖެއިން ވެސް ލިބުން ވަރަށް މުހިންމު ކަމަށެވެ.
އުރީދޫއިން ފުރަތަމަ 5-ޖީ ގެ ޓެސްޓުތައް ރާއްޖޭގައި ހަދަން ފެށީ 2019 ގައިކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ 2020 ނިމުނުއިރު ގްރޭޓާ މާލެ ސަރަހައްދަށް 5-ޖީ ތައާރަފް ކުރެވުނު ކަމަށެވެ.
"2020 ނިމިގެންދިޔައިރު މުޅި ގްރޭޓާ މާލެ ސަރަހައްދަށް ފޭސް 1 ގެ ގޮތުގައި 5-ޖީ ދެވިގެންދިޔަ. މިފަހަރު 19 ވަނަ އަހަރީ ދުވަހާ ގުޅިގެން 5-ޖީ މި ފުޅާކުރީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް. މިއަދު އަޅުގަނޑުމެން 60 ޕަސަންޓުގެ އާބާދީއަށް 5ޖީގެ ޓެކްނޮލޮޖީ ލިބިގެންދޭ އެބަ،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އުރީދޫއިން މުސްތަގުބަލުގައި މަސައްކަތް ކުރާނީ ދުނިޔެއަށް އާ ކަމެއް ތައާރަފްވާ ހިސާބުން އެ އެއްޗެއް ރާއްޖެއާ ހިސާބަށް ގެނެސްދީ، ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ކަމަށެވެ.
މީގެ އިތުރުން ކަސްޓަމަރުން ދެއްވާ ލޯބި އަދި އުރީދޫގެ ހުރިހާ މަސައްކަތެއްގެ ފަހަތު ތިބި ހީވާގި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތަށް ނިޔާޒް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
Comment