about 21 hours 0
ލީވާން އަލީ ނާސިރު
ހުޅުމާލެ ގްރޭންޑް މިސްކިތް މަރާމާތު ކުރަން ގަތަރު ޗެރިޓީއާ އެކު އުރީދޫއިން ސޮއިކުރުން -- ފޮޓޯ؛ އުރީދޫ
about 21 hours 0
ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން މަސްޖިދުލް ޝައިހް ގާސިމް ބިން އަލްސާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) މަރާމާތު ކުރަން އުރީދޫ މޯލްޑިވްސް އިން ގަތަރު ޗެރިޓީއާ އެކު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގެ ދަށުން ފުލް އެއާކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑްކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ގަތަރުގެ ދޯހާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރީ އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ އާއި ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު ފަހްރޫ އެވެ.
އަލް ހަމާދީ ވިދާޅުވީ ރޯދަ މަހަކީ ގިނަބަޔަކު އަޅުކަން ކުރުމުގައި މިސްކިތުގައި ގިނަވަގުތު ތަކެއް ހޭދަކުރެވޭ މަހެއް ކަމަށާއި މިސްކިތުގެ ވަސީލަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގަތަރު ޗެރިޓީއާ ގުޅިގެން ކުރުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ޝަރަފެއް ކަމަށެވެ.
ހުޅުމާލެ ގްރޭންޑް މިސްކިތް މަރާމާތު ކުރަން ގަތަރު ޗެރިޓީއާ އެކު އުރީދޫއިން ސޮއިކުރުން -- ފޮޓޯ؛ އުރީދޫ
"އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސައްކަތުގެ ސަބަބުން މި ބަރަކާތްތެރި މައްސަރުގައި ވެސް އަދި އޭގެ ފަހުންވެސް އަޅުގަނޑުމެންގެ މުޖުތަމައުއަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް،" އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ ސުލްތާން ކުވާރީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އުރީދޫއިން ބުނީ އެ އެއްބަސްވުމުގެ ދަށުން މަރާމާތުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި ރޯދަ މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1،800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުން ކުރެވޭގޮތަށް ބިނާ ކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ ގޯތިތެރެއަކީ ގަސްތަކުން ރީތިކޮށްފައިވާ، މިސްކިތުގެ އެތެރޭގައި ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ.
ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.
Comment