31 އޮގަސްޓު 2024 - 17:19 0
ލީވާން އަލީ ނާސިރު
އާދަމް އަހުތަރު: އަހުތަރުގެ ހާލު މިހާރު ރަނގަޅު، ޓެސްޓުތައް ވެސް ނޯމަލް ކަމަށް ފުލުހުން ބުނޭ
31 އޮގަސްޓު 2024 - 17:19 0
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ބަންދުގެ މުއްދަތު އިތުރު ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅީ އަތުހަރުގެ ގައިރު ހާޒިރުގަ އެވެ. ނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އަތުހަރު ޑޮކްޓަރަށް ދައްކައި މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓުތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު ޓެސްޓުތައް ނޯމަލް ކަމަށެވެ.
"ސައިކޭޓްރިސްޓް އަދި ނާރުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން ވެސް މައްސަލައެއް ނެތް ކަމާއި، ރަނގަޅު ކަމަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
އަތުހަރަށް ބޮޑަށް އަނިޔާވީ ރަހީނު ކޮށްފައި ހުރި އަންހެން މީހާ ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހުން ގޮސް އޭނާގެ ބޮލުގައި މުގުރުން ޖެހުމުންނެވެ. އަތުހަރަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އޭނާގެ ބޮލުން ވަރަށް ބައިވަރު ލޭ އެ ސަރަހައްދު މަގުމައްޗަށް އޮހުރިފައި ހުއްޓެވެ.
އެ ހާދިސާއާ ގުޅިގެން އަތުހަރު ބުރާސްފަތި ދުވަހުގެ ރޭ ފުރަތަމަ ގެންދިޔައީ އޭޑީކޭއަށެވެ. އެއަށްފަހު އެ ރޭ ފަތިހު އޭނާ އައިޖީއެމްއެޗްއަށް ގެންގޮސްގެން ފަރުވާ ދިނުމަށްފަހު، އިއްޔެ ހެނދުނު ހޮސްޕިޓަލުން ދޫކޮށްލުމުން ކަސްޓޯޑިއަލްއަށް ގެންދިޔަ އެވެ.
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ހަވީރު އެވެ.
އޭނާގެ އާއިލާއިން "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އަހުތަރު ސްޓޭބަލް ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށެވެ. އެގޮތުން އޭނާއަށް ލިބިފައި ހުރި ގެއްލުންތައް މިހާތަނަށް ވެސް ފުލުހުން ސާފުކޮށް ކިޔައިދީފައި ނުވާ ކަމަށެވެ.
"ސްޓޭބަލް ކަމަކަށް ގަބޫލެއް ނުކުރަން، އޭނާގެ ބުރަކަށްޓަށް ވެސް ގެއްލުންވެފައި ހުރީ، ލޮލާއި ބޮލަށް ވެސް ގެއްލުންވެފައި ހުރީ، ހާލަތު އެއްވެސް ވަރަކަށް ކިޔައެއް ނުދޭ، ބުނަނީ ހަމަ ސްޓޭބަލްއޭ ސްޓޭބަލްއޭ،" އާއިލާއިން ބުންޏެވެ.
އަތުހަރުގެ ބޮލުގައި މުގުރުން ޖެހުމުން ސައިކަލާއެކު އަންހެން މީހާ އާއި އޭނާ ވެސް ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނެ އެވެ. އަންހެން މީހާ ސަލާމަތް ކުރީ އެ ސަރަހައްދުގައި އެ ވަގުތު ތިބި ފުލުުހުންނާއި އާންމުން ގޮހެވެ.
Comment