28 އޮގަސްޓު 2024 - 13:13 0
ލީވާން އަލީ ނާސިރު
މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ފޯޓޯ: މާލެ ސިޓީ ކައުންސިލް
28 އޮގަސްޓު 2024 - 13:13 0
މާލެ ސިޓީ ކައުންސިލްގެ ކޮމިޓީތަކަށް ބަދަލު ގެންނާތީ، ބައެއް މެންބަރުން މޭޔަރު އާދަމް އާޒިމްއާ މިއަދު ހިޔާލު ތަފާތުވެއްޖެ އެވެ.
ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާގައި ކޮމިޓީތަކަށް ގެންނަ ބަދަލުތައް އާޒިމް ހާމަކުރެއްވުމުން، މެންބަރުން އެކަމާ ހިޔާލުތަފާތުވެގެން އަލުން އެ ބަދަލުތައް މަޝްވަރާ ކުރުމަށްފަހު ގެންނަން ނިންމި އެވެ.
"އަންނަ ހަފްތާގައި މަޝްވަރާކޮށްގެން ގެންނަ ގޮތަށް މި ނަގާލާނަން. އަޅުގަނޑު ހަމަ މަޝްވަަރާ ކޮށްގެން ކުރިއަށް ގެންދަން ބޭނުންވަނީ. މަޝްވަރާކޮށްގެން މިހާރު ވެސް މި ގެންދަނީ. ކުރިން ވެސް މަޝްވަރާ ކުރެވިގެން ލެވިފައި ތިބި ބޭފުޅުން ކޮމިޓީތަކުގައި ތިއްބަވާނެ،" އާޒިމް ވިދާޅުވި އެވެ.
ޖަލްސާއަށް އާޒިމް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިލަރެސް ކުރައްވާ ގޮތަށް ނުވަ ކޮމިޓީއެއް އެކުލަވާލުމަށެވެ. އެ ކޮމިޓީތައް އެކުަލަވާލީ ކައުންސިލުން ކުރަން ޖެހޭ މަސައްކަތުގެ މެންޑޭޓަށް ބަލައިގެން ކޮމިޓީތަކުގެ ލަފާ ހޯދައިގެން ކައުންސިލް ހިންގުމަށެވެ.
ކޮމިޓީތައް އެކުލަވާލިގޮތާ ހިތްހަމަ ނުޖެހުން ފާޅުކުރީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ، މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން އަލީ، ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ އަދި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އެވެ.
އިޝާން އަލީ ވިދާޅުވީ ލޭންޑް އެންޑް ބިލްޑިން ޕްރޮޖެކްޓްސް ކޮމިޓީގައި ސިޓީ ކައުންސިލްގައި ހިމެނޭ ހަ ދާއިރާއިން މެންބަރެއް ހުރުން މުހިންމުކަން ފާހަގަކުރައްވާ އެގޮތަށް ބަދަލު ކުރުމަށެވެ.
އިޝާންގެ ވާހަކައަށް ތާއީދުކުރައްވާ ނަހުލާ ވިދާޅުވީ މޭޔަރު އާޒިމްއަށް ލިބިދޭ ބާރުގެ ދަށުން ދާއިރާއާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދާ ކޮމީޓީއެއްގައި ކައުންސިލަރުން ބައިވެރި ކުރުވުން މުހިންމު ކަމަށެވެ.
މީގެއިތުރުން ސައިފް ވިދާޅުވީ ކޮމިޓީތައް ހަމަހަމަކޮށް ކައުންސިލަރުން މެދުގައި ބަހާލައި، މަޝްވަރާކޮށްގެން އެކަން ކުރިއަށް ގެންދިޔުން މުހިންމު ކަމަށެވެ.
ކައުންސިލަރުންގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ކޮމިޓީތަކުން ނިންމާ ނިންމުންތައް ފާސްކުރެވޭނީ ކައުންސިލް ޖަލްސާއަށް ފޮނުވައިގެން ކަމަށެވެ. އެގޮތުން ކޮމިޓީތަކުގައި ހުރިހާ އެންމެން ތިބުމުން މުހިންމު ނޫން ކަމަށެވެ.
Comment