Advertisement

އުގާޓޭގެ ޑީލް ނިންމައި ޔުނައިޓެޑުން ސްޓާލިން ގެންނަން މަޝްވަރާކުރަނީ

27 އޮގަސްޓު 2024 - 21:46 0


އުގާޓޭގެ ޑީލް ނިންމައި ޔުނައިޓެޑުން ސްޓާލިން ގެންނަން މަޝްވަރާކުރަނީ

27 އޮގަސްޓު 2024 - 21:46 0

މެންޗެސްޓާ (އޮގަސްޓް 27) - މެންޗެސްޓާ ޔުނައިޓެޑުން ޕީއެސްޖީ އަށް ކުޅެމުން އައި އުރުގުއޭގެ މިޑްފީލްޑަރު، މެނުއަލް އުގާޓޭގެ ޑީލް ނިންމައި، ޗެލްސީގެ ރަހީމް ސްޓާލިން ގެންނަން މަޝްވަރާތައް ފަށައިފި އެވެ.

އުގާޓޭ، 23، ހޯދަން ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، ޕީއެސްޖީން ޑީލް ކުރިއަށްގެންދަން ރުހުނީ، ޔުނައިޓެޑުން 67 މިލިއަން ޑޮލަރު ދޭން އެއްބަސްވުމުންނެވެ.

އެ ގޮތުން، މި ޑީލުގެ ދަށުން ޔުނައިޓެޑުން ފުރަތަމަ ޕީއެސްޖީ އަށް 57 މިލިއަން ޑޮލަރު ދައްކާނެ އެވެ. ބާކީ ފައިސާ ދައްކާނީ އުގޭޓޭ ޔުނައިޓެޑްގެ މެޗުތަކުގައި ކުޅެ، ކަންތައްތަކެއް ފުރިހަމަަ ވުމުންނެވެ.

ސްޕޯޓިން ލިޒްބަން އަށް ކުރިން ކުޅުނު އުގާޓޭ، މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް 37 މެޗުގައި ވަނީ ކުޅެފަ އެވެ. ޕީއެސްޖީން ބެންފީކާގެ ޖޮއާއޯ ނެވޭސް ގަންނަން ނިންމީ އުގާޓޭ ވިއްކާލުމަށް ބޯޑުން އެއްބަސްވުމަށް ފަހު އެވެ.

އުގާޓޭ، މިދިޔަ ސީޒަނުގައި ލީގުގެ 25 މެޗުގައި ކުޅުނު ނަމަވެސް، ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭގެ ޕްލޭނަށް އެއްކޮށް ފިޓްނުވާތީ ދޫކޮށްލީ އެވެ.

ޔުނައިޓެޑުން އުގާޓޭ ގަންނަނީ، އެ ޓީމުގެ މެދުތެރެއަށް ކުޅޭ ސްކޮޓް މެކްޓޮމިނޭ، 34 މިލިއަން ޑޮލަރަށް އިޓަލީގެ ނަޕޯލީ އަށް ވިއްކާލުމަށް ފަހު އެވެ.

މީގެ އިތުރުން ޔުނައިޓެޑުން އަންނަނީ ޗެލްސީގެ ސްޓާލިން ގެންނަން މަޝްވަރާތައް ފަށައިފަ އެވެ. ޗެލްސީން ސްޓާލިން ދޫކޮށްލަން ނިންމާފައިވާއިރު، އިޓަލީގެ ޕީއެސްޖީން ވެސް އޭނާއާ ވާހަކަ ދެއްކި އެވެ. އެކަމަކު، ސްޓާލިންގެ ބޮޑު ފޯކަސް އެއް ކުރީ، އިނގިރޭސި ކްލަބަކާ ގުޅެ، އިންގްލެންޑް ގައުމީ ޓީމުން އަލުން ޖާގަ ހޯދުމެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުގެ ޖޭޑަން ސަންޗޯ ގެންދަން ޗެލްސީން ޝައުގުވެރިވާއިރު، ދެ ޓީމުން ސަންޗޯ އާއި ސްޓާލިން ބަދަލުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ސަންޗޯ ހޯދަން ޔުވެންޓަސް އިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

ޔުނައިޓެޑުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ބޮލޯނިއާގެ ފޯވާޑް ޖޯޝުއާ ޒާކްޒީ، 43 މިލިއަން ޑޮލަަރަށް ގަނެފަ އެވެ. އަދި ލިލްގެ ފްރާންސް ޑިފެންޑަރު، ލެނީ ޔޯރޯ، ޔުނައިޓެޑާ ގުޅުނީ، 67 މިލިއަން ޑޮލަރަށެވެ. ޔުނައިޓެޑުން ވަނީ ބަޔާން މިއުނިކަށް 70 މިލިއަން ޑޮލަރު ދީފައި، މަތައިސް ޑި ލިޓް އާއި ނުސައިރު މަޒްރައޮއީ ގަނެފަ އެވެ. އެ ގޮތުން، ބަޔާނަށް 49 މިލިއަން ޑޮލަރު ދީފައި ޑި ލިޓް ގަތްއިރު، 21 މިލިއަން ޑޮލަރަށް މަޒްރައޮއީގެ ސޮއި ވަނީ ހޯދައިފަ އެވެ.