މެންޗެސްޓާ (އޮގަސްޓް 27) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ފުލްބެކް، ޖޮއާއޯ ކަންސޭލޯ، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ހިލާލް އަށް ވިއްކާލުމަށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ސިޓީއާ އެކު، 2022 ވަނަ އަހަރު އާ ކޮންޓްރެކްޓެއްގައި ކަންސޭލޯ، 30، ސޮއިކުރި އެވެ. އެކަމަކު، ގަތަރު ވޯލްޑް ކަޕަށް ފަހު، ސިޓީ ޓީމަަށް އެނބުރި އައިތަނުން، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ކަންސެލޯއާ ދެމެދު މައްސަލައެއް ޖެހުނެވެ. އޭގެ ފަހުން، ކަންސެލޯ ވަނީ ލޯން ޑީލްތަކެއްގައި، ބަޔާން މިއުނިކް އާއި ބާސެލޯނާ އަށް ކުޅެފަ އެވެ. އެކަމަކު، ސިޓީ ބުނާ އަގު ދީފައި ކަންސެލޯގެ އެއްބަސްވުން ދާއިމީ ކުރަން ބަޔާން އާއި ބާސެލޯނާ ބޭނުމެއް ނުވި އެވެ.
ގާޑިއޯލާ ވަނީ މި ސީޒަނުގައި ކަންސެލޯ އަށް ސިޓީން ޖާގަ ލިބިދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، ސިޓީން މި ސީޒަނުގައި ކުޅުނު ތިން މެޗުގައި ވެސް ކަންސެލޯ ބޭނުންކޮށްފައިނުވެ އެވެ. މިހާރު އެއްބަސްވެފައިވަނީ، ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން، އަލް ހިލާލް އަށް 25 މިލިއަން ޑޮލަރަށް ކަންސެލޯ ވިއްކާލުމަށެވެ.
ސިޓީ އާއި އަލް ހިލާލް އިން ކަންސެލޯގެ ފީއާ މެދު އެއްބަސްވެފައިވާއިރު، އަލް ހިލާލް އިން ދެން ޖެހޭނީ ކަންސެލޯއާ އެކު މުސާރަ އާއި ކޮންޓްރެކްޓާ މެދު އެއްބަސްވުމަކަށް އަންނާށެވެ.
އަލް ހިލާލް ޓީމުގައި މި ވަގުތު ވެސް ގިނަ މަޝްހޫރު ކުޅުންތެރިން އެބަތިބި އެވެ. އެ ގޮތުން، ނަޕޯލީ އާއި ޗެލްސީ އަށް ކުޅުނު ސެނެގާލްގެ ކަލީދޫ ކުލިބާލީ، އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ބްރެޒިލްގެ ފުލްބެކް ރެނަން ލޯޑީ، ވުލްވްސް އަށް ކުޅުނު ޕޯޗުގަލްގެ ރުބެން ނެވޭސް، ނިއުކާސަލް ޔުނައިޓެޑާއި ފުލަމް އަށް ކުޅުނު ސާބިއާގެ އަލެކްސަންޑަ މިޓްރޮވިޗް، ބާސެލޯނާ އާއި ޕީއެސްޖީ އަށް ކުޅުނު ބްރެޒިލްގެ ނޭމާ، ލާޒިއޯ އަށް ކުޅުނު ސާބިއާގެ ސާގޭއި މިލިންކޮވިޗް ސަވިޗް އަދި ސެވިއްުޔާ އަށް ކުޅުނު މޮރޮކޯގެ ގޯލްކީޕަރު ޔާސީން ބޯނޯ ހިމެނެ އެވެ.
Comment