Advertisement

ސަރުކާރުން ދޭންޖެހޭ ފައިސާގެ ބަދަލުގައި ކުލީ ބިމެއް ދޭން ނުވަތަ ޓެކްސް އުނިކޮށްދޭން ނިންމައިފި

26 އޮގަސްޓު 2024 - 20:37 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މި ނިންމެވުން ނިންމެވިއިރު، ދައުލަތުން އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު އެތައް ސަތޭކަ މިލިއަނަކަށް އަރާ -- ފޮޓޯ: އަދަދު


ސަރުކާރުން ދޭންޖެހޭ ފައިސާގެ ބަދަލުގައި ކުލީ ބިމެއް ދޭން ނުވަތަ ޓެކްސް އުނިކޮށްދޭން ނިންމައިފި

26 އޮގަސްޓު 2024 - 20:37 0

އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ނުދެވި ހުރި ފައިސާގެ ބަދަލުގައި ބިން ކުއްޔަށް ދޭން ނުވަތަ މީރާއަށް ދައްކަންޖެހިފައިވާ ފައިސާ އުނިކޮށް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މި ފިޔަވަޅުތައް އެޅުމަށް ރައީސް ނިންމެވީ ގައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތައްކަށް ހައްލު ހޯދުމަށް އިއްޔެ ވަޒީރުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށް ފަހު އެވެ. އެކަން އިއުލާނު ކުރީ ދާދި ދެންމެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ވިސްނުންފުޅު ހުރީ އަމިއްލަ ކުންފުނިތަކަށް ނުދެވި ހުރި ފައިސާ ދައުލަތަށް ލިބޭ އާމްދަނީ ދައްކައި ހަލާސް ކުރަން ކަމަށެވެ. އެގޮތުން ވިޔަފާރިތަކަށް ދައުލަތުން ފައިސާ ދޭނީ ކޮންމެ މަހަކު ދޫކުރާނެ ވަކި މިންވަރެއް ކަނޑައަޅައިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިންވަރު ކަނޑައެޅުމުގައި އެންމެ ގިނަ ދުވަސްވީ ބިލުތަކަށް އިސްކަން ދިނުމަށް ރައީސް އެންގެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެއިތުރުން ދައުލަތުން ނުދެވި ހުރި ފައިސާގެ ބަދަލުގައި ކޮށްދޭން ރައީސް ނިންމެވީ:

  • ދައުލަތުން ދޭންޖެހޭ ފައިސާ ޓީ-ބޮންޑަކަށް ބަދަލު ކުރުމުގެ ފުރުސަތު ދިނުން
  • ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ފުރުސަތު ދިނުން
  • އަމިއްލަ ވިޔަފާރިތަކުން ޓެކުހުގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ފައިސާއިން، ދައުލަތުން އެ ކުންފުންޏަކަށް ދައްކަންޖެހޭ އަދަދު އުނިކޮށްދިނުން

މިކަންކަން ކުރިއަށް ގެންގޮސް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ރައީސް ނިންމަވާފައި ވަނީ ޓާސްކްފޯހެއް އެކުލަވާލައިގެންނެވެ.

ރައީސް މި ނިންމެވުން ނިންމެވިއިރު، ދައުލަތުން އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު އެތައް ސަތޭކަ މިލިއަނަކަށް އަރަ އެވެ.

އަމިއްލަ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ 16 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެ ފައިސާ ދައުލަތަށް ލިބުމުން ރާއްޖޭގެ މާލީ ހާލަތު އެއްކޮށް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރައީސްގެ އެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ އަސްލަކީ ހަރަދު ކުޑަ ކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅައި ލިބޭނެ ކަމަށް ލަފާ ކުރާ ފައިސާއަކަށް ބަރޯސާވެގެން ތިބުން ކަމަށެވެ.