Advertisement

ބަޔާން މޮޅުވީ ފަހުވަގުތު ގްނަބްރީ ޖެހި ގޯލުން

26 އޮގަސްޓު 2024 - 10:07 0


ބަޔާން މޮޅުވީ ފަހުވަގުތު ގްނަބްރީ ޖެހި ގޯލުން

26 އޮގަސްޓު 2024 - 10:07 0

މިއުނިކް (އޮގަސްޓް 26) - ޖަރުމަނު ލީގުގައި ބަޔާން މިއުނިކްގެ އާ ކޯޗު، ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ސާޖް ގްނަބްރީ ފަހު ވަގުތު ޖެހި ގޯލުން 3-2 އިން ވުލްވްސްބާގް އަތުން މޮޅުވެއްޖެ އެވެ.

ވުލްވްސްބާގު ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ލީޑުނެގީ 19 ވަަނަ މިނިޓްގައި ޖަމާލް މުސިއާލާ ޖެހި ގޯލުންނެވެ. ބަޔާން ދެ ވަނަ ލަނޑެއް ޖަހަން ކުރި މަސައްކަތް ހުއްޓުވީ، ވުލްވްސްބާގްގެ ގޯލު ބެލެހެއްޓި ކީޕަރު ކަމިލް ގްރަބާރާ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށުނުތަނާ ބަޔާންގެ ސާޝާ ބޯއޭ ކުރި ފައުލަކަށް ދިން ޕެނަލްޓީ ގޯލަށް ފޮނުވާލައި، ލޮވްރޯ މާޔާ ވަނީ، 47 ވަނަ މިނިޓްގައި ވުލްވްސްބާގަށް އެއްވަރުކޮށްދީފަ އެވެ. މާ ލަސްތަކެއް ނުވެ، މާޔާ އިތުރުު ގޯލެއް ޖެހި އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ޕެޓްރިކް ވިމާ ދިން ބޯޅައަކުން މާޔާ ވަނީ ގޯލު ޖަހައި، ވުލްވްސްބާގަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދީފަ އެވެ.

ބަޔާނުން އެއްވަަރުކުރި ގޯލަކީ މެޗުގެ 66 ވަނަ މިނިޓްގައި، އެ ޓީމުގެ ތޯމަސް މުލާ ފޮނުވާލި ބޯޅައަކުން ވުލްވްސްބާގްގެ ޖަކޫބް ކަމިންސްކީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ބަދަލަކަށް މި މެޗުގައި ކުޅެން އެރި، މުލާ ވަނީ އެ ކްލަބްގެ ލީގު ރެކޯޑެއް ގާއިމްކޮށްފަ އެވެ. ރޭގެ މެޗަކީ، ލީގުގަައި ބަޔާނަށް މުލާ ކުޅެދިން، 474 ވަނަ މެޗެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، ކުރީގެ ކީޕަރު، ސެޕް މައިއާ އަތުގަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ވަނިކޮށް، ބަޔާން މޮޅުވި ލަނޑު ގްނަބްރީ ޖެހީ ކޭން ދިން ބޯޅައަކުންނެވެ.