23 އޮގަސްޓު 2024 - 13:31 2
އަހުމަދު އާއިދު
ކުރީގެ ރައީސް ސޯލިހު އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު: ތައުލީމީ ދާއިރާ ކުރިއެރުވުމަށް ޔުނިސެފުން ދިން 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހޯދީ ކުރީ ސަރުކާރުން --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
23 އޮގަސްޓު 2024 - 13:31 2
ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން ޔުނިސެފް އާއި ގުޅިގެން ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ވޯލްޑް ބޭންކުން ރާއްޖެއަށް ދިން ކަމަށް އިއްޔެ އިއުލާނުކުރި 9.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހޯދީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަން އެނގިއްޖެ އެވެ.
މި އެހީ ލިބުނުކަން އިއުލާނުކުރެއްވީ، އިއްޔެ "ތައުލީމީ އިންގިލާބީ ބަދަލު" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ފައިސާއަކީ ތައުލީމީ ދާއިރާއަށް މުހިންމު އަދި ބޭނުންވާ މަގުސަދު ހާސިލުކުރުމަށް ހުޅުވުނު ފަހި ފުރުސަތެއް ކަމަށެވެ.
މިކަމާ ގުޅިގެން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ގްރާންޓަށް އެދުމުގެ ފުރުސަތު ރާއްޖެއަށް އޮތްކަން އެނގި، ދެ އަހަރުގެ މަސައްކަތުން އެޕްލައި ކުރީ ޖުލައި، 2023، ގައި ކަމަށެވެ. އަދި އެ ގްރާންޓު ކާމިޔާބުވިކަން އޮގަސްޓު، 2023، ގައި އެހީދޭ ފަރާތްތަކުން ސަރުކާރަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތައުލީމީ ދާއިރާއަށް ލިބުނު އެހީގެ ތެރޭގައި ހިމެނެނީ:
އޭގެ ތެރެއިން ޖީޕީއޭ އިން ދިން ފަސް މިލިއަން ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ލިބިފައިވާކަން އަންގައި، ޖީޕީއޭގެ ސީއީއޯ ފޮނުއްވި ސިޓީގެ ކޮޕީއެއް ވަނީ މި ނޫހަށް ލިބިފަ އެވެ. އޮގަސްޓު 2، 2023 ގައި ފޮނުއްވި އެ ސިޓީ ރައްދުކޮށްފައިވަނީ އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށެވެ.
އައިޝަތުގެ ސޯޝަލް މީޑިއާ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުގެ ދަށުން ލިބުނު މި ގްރާންޓުގެ އަމަލީ މަސައްކަތް ފަށައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ގްރާންޓްއަށް އެދެން ކޮމްޕެކްޓް ފަރުމާކުރީ ރައީސް ސޯލިހުގެ ތައުލީމީ ސިޔާސަތުގެ ދަށުން، ކިޔަވައިދިނުމުގެ ފެންވަރު ރަގަޅުކުރުމަށާއި އިކުއިޓީ އާއި އިންކުލޫޝަން އަދި ޖެންޑަރ އިކުއިޓީއަށް ފޯކަސްކޮށް މުޅި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ނިޔަތުގައި،" އޭނާ ލިޔުއްވާފައިވެ އެވެ.
އިއްޔެގެ އިވެންޓުގައި ވާހަކަދައްކަވަމުން މިހާރުގެ މިނިސްޓަރު ޝަފީއު ވެސް ވިދާޅުވީ، މި ފައިސާގެ ސަބަބުން ގިނަ މައްސަލަތަކެއް ހައްލުވާނެ ކަމަށެވެ. މިސާލު ނެންގެވީ ދަރިވަރުންގެ ނަތީޖާ އާއި ޓީޗަރުން މަދުވުމުގެ ޝަކުވާތަކުންނެވެ.
Comment