Advertisement

ލާމަރުކަޒީ ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލު ފާސްކޮށްފި

22 އޮގަސްޓު 2024 - 18:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވިހިވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ލާމަރުކަޒީ ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލުވެސް މިއަދު މަޖިލީހުން ފާސްކޮށްފި --- ފޮޓޯ: މަޖިލިސް އިދާރާ


ލާމަރުކަޒީ ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލު ފާސްކޮށްފި

22 އޮގަސްޓު 2024 - 18:07 0

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ލާމަރުކަޒީ ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލު ވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލު ހުށަހެޅުއްވި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 79 މެންބަރުންގެ ތެރެއިން 67 ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ 10 މެންބަރުންނެވެ.

މިއީ މިހާރު ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭނަކީ މިއަދު ފާސްކުރި ބިނާވެށީގެ ބިލުގެ ދަށުން ހަދާ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭނުގެ ބައެއްގެ ގޮތުގައި ހެދުމަށް، ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލެކެވެ.

ބިނާވެށި ޕްލޭން ކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އެ ބިލުވެސް ފާސްކުރީ ވޯޓުގައި ބައިވެރިވި 79 މެންބަރުންގެ ތެރެއިން 67 ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ 10 މެންބަރުންނެވެ.

މި ދެ ބިލުގެ އިތުރުން ސަރުކާރުގެ ފަރާތުން ޕީއެންސީގެ މެންބަރު އިމްރާން ލަތީފު ހުށަހެޅުއްވި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް މިއަދުގެ ޖަލްސާގައި ފާސްކުރި އެވެ. މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ޖުމްލަ ހަތް ބިލެއް މިއަދުގެ ޖަލްސާގައި ފާސްކުރިއިރު، އެ ބިލުތައް ދިރާސާ ކުރުމަށް ކޮމިޓީތަކުން ކުރި މަސައްކަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެއްވެސް އިސްލާހެއް ގެނެސްފައެއް ނުވެ އެވެ.

މަޖިލީހުގެ ޖުމްލަ 79 މެންބަރުންނާއެކު ސަރުކާރަށް ފުރިހަމަ ތާއީދު އޮތްއިރު، ސަރުކާރުން ހުށަހަޅާ ކަންކަން އިސްލާހެއްނެތި ފާސްކުރާތީ އިދިކޮޅުން މަޖިލީހަށް ފާޑުކިޔަ އެވެ. ނަމަވެސް މަޖިލީހުގެ ޕީއެންސީ މެންބަރުން ތަކުރާރުކޮށް ވިދާޅުވަނީ މިއީ ނަމޫނާ މަޖިލީހެއް ކަމަށެވެ.