Advertisement

ޕީޖީ ޝަމީމު ވަކިކުރަން ނަގާ ވޯޓު މިރޭގެ ޖަލްސާއަށް އެޖެންޑާކޮށްފި

22 އޮގަސްޓު 2024 - 15:23 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީޖީ ޝަމީމު މިއަދުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި: މިރޭގެ ޖަލްސާއަށް ޕީޖީ ޝަމީމު ވަކިކުރުން އެޖެންޑާކޮށްފި --- ފޮޓޯ: މަޖިލިސް އިދާރާ


ޕީޖީ ޝަމީމު ވަކިކުރަން ނަގާ ވޯޓު މިރޭގެ ޖަލްސާއަށް އެޖެންޑާކޮށްފި

22 އޮގަސްޓު 2024 - 15:23 0

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ މިރޭ ބާއްވާ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މިރޭގެ 9:00 ގައި އޮންނަ މި ޖަލްސާގެ އެޖެންޑާގައި އޮތީ ޝަމީމު ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓާމެދު ބަހުސްކޮށް ވޯޓަށް އެހުން އެކަންޏެވެ. މި މައްސަލާގަ ބަހުސްގެ ދިގުމިނަކީ ގިނަވެގެން ދެ ގަޑިއިރު ކަމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ މިއަދު މެންދުރުފަހު ފާސްކޮށްފަ އެވެ.

ޕީޖީގެ މަގާމުން ޝަމީމު ވަކިކުރަން މަޖިލީހަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދެވެ. އެ މައްސަލަ ބެލި ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކުރީ ޝަމީމު މަގާމުން ވަކިކުރުމަށެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝަމީމަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ވެސް ދިނެވެ. އެ ބައްދަލުވުން ލައިވްކުރަން ޝަމީމު އެދުނު ނަމަވެސް ކޮމިޓީން ނިންމީ ބައްދަލުވުން ސިއްރުކުރާށެވެ.

ޖަވާބުދާރީވަމުން ޝަމީމު ވިދާޅުވީ، އިތުބާރު ނެތް ކަމަށް ބުނެ އެ ކޮމެޓީން ބަލަމުންދާ މައްސަލައަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ބަލަމުންދާ މައްސަލައެއް ކަމަށެވެ.

މަގާމުން ވަކި ކުރަނީ ގާނޫނާ ހިލާފު ކަމެއް ކޮށްގެން ނުވަތަ ހަވާލުކުރި މަސައްކަތް ނުކޮށްގެން ނޫން ކަމަށާއި ސަރުކާރުން އެކަން ކުރަނީ އޭނާ ލައްވައި ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރުވޭނެތީކަން ޝަމީމު މިއަދު ފާހަގަކުރެއްވި އެވެ.

ޕީޖީ ކަމުން ޝަމީމް ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި މިވަނީ އޭނާ ވަކިކުރަން ޖެހޭ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް ތާއީދުކުރާ އެތައް މެންބަރުންނެއް ވާހަކަ ދެއްކި ފަހުންނެވެ. އޭނާ ވަކިކުރަން ހުށަހެޅި މައްސަލައިގައި ވެސް ޝާހިދު ފާހަގަކޮށްފައި ހުރީ މެންބަރުން ތުހުމަތު ކުރެއްވި މައްސަލަތަކެވެ.