Advertisement

ބެޑްމިންޓަން ކޯޗުގެ 10 މަހުގެ މުސާރަ އަށް 9 ލައްކަ ރުފިޔާ ސްޕޯޓްސް މިނިސްޓްރީން ދޫކުރި

22 އޮގަސްޓު 2024 - 13:17 2

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ ތެރެއިން ބެޑްމިންޓަން ޓީމުގެ ކޯޗު ކީ ޔޫން (ކ).--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ނައުޝަމް ވަހީދު


ބެޑްމިންޓަން ކޯޗުގެ 10 މަހުގެ މުސާރަ އަށް 9 ލައްކަ ރުފިޔާ ސްޕޯޓްސް މިނިސްޓްރީން ދޫކުރި

22 އޮގަސްޓު 2024 - 13:17 2

ގައުމީ ބެޑްމިންޓަން ޓީމަށް ގެނައި، ދެކުނު ކޮރެއާގެ ކޯޗު، ޖަންގް ކީ ޔޫން، އަށް 10 މަސް ދުވަހުގެ މުސާރަ އަށް ނުވަ ލައްކަ ރުފިޔާ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ދޫކުރި ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުން ބަޖެޓް ފޯރުކޮށްދޭ، މުއައްސަސާތަކުގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "އަދަދު ސްޕޯޓްސް" އިން މައުލޫމާތު ހޯދުމަށް ސްޕޯޓްސް މިނިސްޓްރީގައި އެދުނީ، ބެޑްމިންޓަން ކޯޗު، ކީ ޔޫން އަށް މިނިސްޓްރީން ދީފައިވާ މުސާރަ ހޯދުމަަށެވެ. އެ މައުލޫމާތު، ސްޕޯޓްސް މިނިސްޓްރީން ވަނީ ފޯރުކޮށްދީފަ އެވެ.

މިނިސްޓްރީން މިއަދު ފޮނުވި މައުލޫމާތުގައިވާ ގޮތުން، ބެޑްމިންޓަން ކޯޗު، ކީ ޔޫން އަށް ސްޕޯޓްސް މިނިސްޓްރީން ވަނީ، 10 މަހުގެ މުސާރަ އަށް ވާ 938،050 ރުފިޔާ، ބެޑްމިންޓަން އެސޯސިއޭޝަނަށް ދޫކޮށްފަ އެވެ.

"މި ފައިސާ ދޫކުރެވިފައިވަނީ ގަނޑުކޮށް ކަމަށްވާތީ މަހާއި އަހަރު ވަކިން އެނގޭގޮތަށް މުސާރައިގެ ތަފްސީލް ދެވެން ނެތް ވާހަކަ ދެންނެވީމެވެ." މިނިސްޓްރީން ފޮނުވި ލިޔުމުގައިވެ އެވެ.

ކޯޗު ކީ ޔޫންގެ މުސާރަ އަށް ދޫކޮށްފައިވާ ފައިސާގެ ތަފާސްހިސާބަކަށް ބަލާއިރު، 938،050 ރުފިޔާ، އަކީ ޑޮލަރުން ބަލާނަމަ 15.42 ގެ ރޭޓުން، 60،833 ޑޮލަރެވެ. އަދި 10 މަހަށް ބަހާލާނަމަ މަހަކަށް، 6083 ޑޮލަރެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އުސޫލާ ހިލާފަށް ގައުމީ ކޯޗު ކީ ޔޫން އަށް މުސާރަ ދިނުމުގެ ނަމުގައި، އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު ނިބާލް އަހުމަދުގެ ފައިސާ ބޭނުންކޮށްފަ އެވެ.

އެ ގޮތުން، ނިބާލަށް ބެޑްމިންޓަން އެސޯސިއޭޝަނުން ދިން، އޭނާގެ އޮލިމްޕިކްސް ސްކޮލަޝިޕްގެ ހަރަދު ޝީޓުގައި ހިމަނާފައިވަނީ، ކީ ޔޫން އަށް 2023 ޖެނުއަރީން ފެށިގެން، މި އަހަރުގެ މާޗްއާ ހަމަ އަށް ކޮންމެ މަހަކު، 584 ޑޮލަރުގެ ގޮތުގައި، ކޯޗަށް 8176 ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ، ނިބާލް، ރިވައިވަލް ސްޕޯޓްސް ކްލަބާ ގުޅުމާ ހަަމަ އަށެެވެ.

ނިބާލް، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ބުނީ، ގައުމީ ކޯޗު، ކީ ޔޫން، ވަކިން އެއްވެސް މުބާރާތަކަށް ނިބާލްއާ އެކު ގޮސްފައިނުވާ ކަމަށެެވެ. އަދި ވަކިން ނިބާލް އަށް ހާއްސަ ޓްރެއިނިންތަކެއް ކުރިއަށް ނުގެންގޮސް، މުޅި ގައުމީ ޓީމަށް ޓްރެެއިނިން ދޭން ގެނެސްފައި ހުރި ކޯޗަކަށް ނިބާލްގެ ސްކޮލަޝިޕް ފައިސާއިން ހަރަދުކުރުން އުސޫލުތަކަށް ބަލާއިރު ރަނގަޅެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.

މިދިޔަ އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ ރަނގަޅު ކުޅިވަރު އެސޯސިއޭޝަންގެ އެވޯޑް ލިބުނު، ބެޑްމިންޓަން އެސޯސިއޭޝަނުގެ ވެރިންނާ ގުޅޭ ހިޔާނާތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ. މި މައްސަލައިގައި، ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ރައީސް، މޫސާ ނާޝިދު (މޫސަ)އާ ގުޅުން ހުރި ތަންތަން ވެސް އޭސީސީން ބަލައި ފާސްކުރި އެވެ.