21 އޮގަސްޓު 2024 - 14:37 0
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އޮފީސް ހުންނަ ފިނޭންސް އިމާރާތް: ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާއަކީ ޕީސީބީ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
21 އޮގަސްޓު 2024 - 14:37 0
ސަރުކާރު ކުންފުނިތައް ރިފޯމުކުރުމުގެ މަސައްކަތް ފަށައި، ކުންފުނިތަކަށް ދޭ ފައިސާ މަދު ކުރާނެ ކަމަށް ބުނި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ދިން ފައިސާ ކުރީ އަހަރަށް ވުރެ ގިނަ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ) ގެ ރިޕޯޓަކުން ދައްކައިފި އެވެ.
ޕީސީބީން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިވިއު ރިޕޯޓުގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ މި އަހަރުގެ އެ ކުއާޓަރުގައި ގްރާންޓާއި ސަބްސިޑީ އާއި ކެޕިޓަލްގެ ގޮތުގައި ސަރުކާރު ކުންފިތަކަށް ދިން ފައިސާ އިތުރެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކަށް ދޫކުރި ފައިސާގެ ތެރޭގައި ގިނައިީ އެހެން ކުއާޓަރުތަކެކޭ އެއްގޮތަށް ސަބްސިޑީއަށް ދިން ފައިސާ އެވެ. އެ ކުއާޓަރުގައި ސަބްސިޑީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދޫކުރިއިރު، މިއީ ކުރީ އަހަރަށް ވުރެ 25 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ހަމަ އެގޮތަށް ކެޕިޓަލް ހަރަދާއި ގްރާންޓުގެ ގޮތުގައި ދިން ފައިސާ ވެސް ކުރީ އަހަރަށް ވުރެ އިތުރެވެ. ކެޕިޓަލްގެ ގޮތުގައި ދިން ފައިސާ 13.7 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ގްރާންޓު އިތުރުވީ 1.5 މިލިއަން ރުފިޔާ އެވެ. އެއާއެކީ ޖުމްލަ ހަރަދު ވަނީ ތިން ޕަސެންޓު އިތުރުވެފަ އެވެ.
ކުންފުނިތަކަށް ސަރުކާރުން ދޭ ފައިސާ އިތުރުވެފައިވާއިރު، ސަރުކާރު ކުންފުނިތަކަށް ރިފޯމު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން ސަރުކާރު ކުންފުނިތައް މާލީ ގޮތުން ފުދުންތެރިކުރުމާއި ސަރުކާރުގެ ބަޖެޓުން ހަރަދު ނުކުރާ ވަރަށް ތަނަވަސް ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Comment