Advertisement

ސައުދީގެ އިންވެސްޓްމަންޓު މިނިސްޓްރީގެ އިސްވެރިންނާ ފޮރިން މިނިސްޓަރު ބައްދަލުކޮށްފި

20 އޮގަސްޓު 2024 - 18:02 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮރިން މިނިސްޓަރާއި ޓީމުން ސައުދީގެ އިންވެސްޓްމަންޓު މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ


ސައުދީގެ އިންވެސްޓްމަންޓު މިނިސްޓްރީގެ އިސްވެރިންނާ ފޮރިން މިނިސްޓަރު ބައްދަލުކޮށްފި

20 އޮގަސްޓު 2024 - 18:02 0

ރަސްމީ ދަތުރެއްގައި މިހާރު ސައުދީ އަރަބިއާއަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެ ގައުމުގެ އިންވެސްޓްމަންޓު މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.

ދިވެހި ހާރިޖީ އޮފީހުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޒަމީރު ބައްދަލުކުރެއްވީ ސައުދީ އިންވެސްޓްމަންޓު މިނިސްޓްރީގެ އެސިސްޓަންޓު މިނިސްޓަރު އިބްރާހިމް ބިން ޔޫސުފް އަލްމުބާރަކް އާއި އެ ވުޒާރާގެ ޓީމަކާ ކަމަށެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް ކުރި އެވެ. ފޮރިން މިނިސްޓްރީން ބުނީ މަޝްވަރާކުރީ ރާއްޖޭގައި ހުރި އިންވެސްޓުމަންޓު ފުރުސަތުތަކާ ބެހޭ ގޮތުން ކަމަށެވެ. ސައުދީން ރާއްޖެއަށް އަބަދުވެސް ދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ޒަމީރު އެ ގައުމުގެ ވެރިންނަށް ޝުކުރު އަދާކުރެއްވި ކަމަށްވެ އެވެ.

ރާއްޖޭގެ އިގުތިސޯދީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކުރެވޭ މި މަޝްވަރާތަކުގައި ހިލޭ އެހީއާ ގުޅޭ ގޮތުން ވާހަކަ ދެކެވޭނެ ކަމަށް ވެސް ބެލެވެ އެވެ.

ޒަމީރާއެކު މި މަޝްވަރާތަކުގައި ސައުދީއަށް ދަތުރުކުރި ދިވެހި ވަފުދުން ވެސް ބައިވެރިވި އެވެ. އެ ވަފުދުގައި ހިމެނެނީ އެމްބެސެޑާ އެޓް ލާޖު އަހުމަދު ނަސީރު، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު އަދި ޑިރެކްޓާ ޖެނެރަލް އައިޝަތު ފަރީނާ އެވެ.

އެ ދަތުރުގައި ތެރެއިން، އިއްޔެ ޒަމީރު ވަނީ ސައުދީގެ ފޮރިން މިނިސްޓަރު، ވަލީއަހުދު ފައިސަލް ބިން ފަރްހާން އަލް-ސައުދާ ބައްދަލުކުރައްވާ ސައުދީ ވަލީއަހުދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް އެޑްރެސްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ސިޓީ ހަވާލުކުރައްވާފަ އެވެ.

ޒަމީރު ސައުދީއަށް ވަޑައިގެންނެވީ ބަހުރެއިނަށް ވަޑައިގެން، އެ ގައުމުގެ ވެރިންނާއި ދިރާގުގެ މައި ހިއްސާދާރު، ބަޓެލްކޯގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ. ބަހުރެއިނަށް ވެސް ޒަމީރު ވަޑައިގެންނެވި ރައީސްގެ ސިޓީއެއް ހިއްޕަވައިގެންނެވެ. އޭގެ ދުވަސްކޮޅެއް ކުރިން ޗައިނާއަށް ވެސް ހަމަ ރައީސްގެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވި އެވެ.