Advertisement

ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް 75 މައްސަލައެއް ހުށަހަޅައިފި

20 އޮގަސްޓު 2024 - 11:39 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ދޮގުހަބަރު ފަތުރާ ކަމަށްބުނެ އެމަނިކުފާނުގެ އޮފީހުން މީޑިއާ ކައުންސިލަށް 75 މައްސަލަ ވަނީ ހުށަހަޅާފަ --- ފޮޓޯ: ރައީސް އޮފީސް


ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް 75 މައްސަލައެއް ހުށަހަޅައިފި

20 އޮގަސްޓު 2024 - 11:39 0

ރާއްޖޭގެ އެކި މީޑިއާތަކުން ދޮގު ހަބަރު ފަތުރާކަމަށް ބުނެ ރައީސް އޮފީހުން މި އަހަރު ތެރޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް 75 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އެމްއެމްސީއަށް މި އަހަރު އެންމެ ގިނަ މައްސަލަ ހުށަހެޅީ ދައުލަތުގެ އިދާރާތަކުން ކަމަށް އެ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބުނީ ޖުލައި 31، ގަ އެވެ.

އެއާއެކު ރައީސް އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދާއި ތަފުސީލު ހޯދުމަށް މި ނޫހުން ވާނީ އާރުޓީއައި ރިކުއެސްޓެއް ހުށަހަޅާފަ އެވެ. ޖަވާބުގައި ރައީސް އޮފީހުން ބުނީ ޖުލައި 31، ގެ ނިޔަލަށް އެ އޮފީހުން އެމްއެމްސީއަށް ހުށަހެޅީ 75 ޝަކުވާ ކަމަށެވެ.

"މީޑިއާ ކައުންސިލަށް މި އޮފީހުން ފޮނުވާފައިވާ މައްސަލަތަކަކީ، ކަނޑައެޅިގެން ދޮގު ހަބަރާއި، ދޮގު މައުލޫމާތު ފަތުރާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް," ތަފުސީލުގެ ގޮތުގައި ރައީސް އޮފީހުން ބުންޏެވެ.

އަދި، މިފަދަ މައްސަލަތަކުގައި އެ އޮފީހުން ގެންގުޅޭ އުސޫލަކީ ރައްޔިތުންނަށް ހަގީގަތް އޮޅޭނެހެން ނުވަތަ މުޖުތަމައުގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް ހަބަރު ފަތުރާ ފަރާތްތަކުގެ މައްސަލަ އެމްއެމްސީއަށް ހުށަހެޅުން ކަންވެސް އެ އޮފީހުން ފާހަގަކުރި އެވެ.

މި 75 މައްސަލައާ ގުޅިގެން އެމްއެމްސީން ވަނީ މި ފަހުން ރައީސް އޮފީހުގެ ޓީމަކާ ބައްދަލުވެސް ކޮށްފަ އެވެ. އެ ކައުންސިލްގެ ޝަކުވާ ބަލާ ކޮމިޓީން ބައްދަލުކުރި ރައީސް އޮފީހުގެ ޓީމު ލީޑުކުރެއްވީ ޕޮލިސީ އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެވެ.