Advertisement

ލޭނު މަސްވެރިކަމުގެ ހުއްދަ މަނާކުރުމާ މެދު ބަހުސް ކުރާކަށް ވެސް މެމްބަރުން ބޭނުމެއް ނުވި

19 އޮގަސްޓު 2024 - 09:54 0

އަމަން ހަލީމް

އަމަން ހަލީމް

ރީނދޫއުރަހަ ކަންނެލިތަކެއް އުފުލާ މަންޒަރު: ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޭން އުޅެނީ ކޯޓާ ހަމަނުވާ ކަމަށް ބުނެ --- އަދަދު ފައިލް ފޮޓޯ


ލޭނު މަސްވެރިކަމުގެ ހުއްދަ މަނާކުރުމާ މެދު ބަހުސް ކުރާކަށް ވެސް މެމްބަރުން ބޭނުމެއް ނުވި

19 އޮގަސްޓު 2024 - 09:54 0

ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމާ މެދު ސަރުކާރުގެ ވިސްނުން ބަދަލުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސް ނުކުރަން މަޖިލީހުން މިއަދު ނިންމައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރެވެ.

އެ ބިލު ހުށަހަޅުއްވަމުން މައުރޫފް ވިދާޅުވީ، މިއީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރަން ކަމަށް ބުނެ ސަރުކާރުން ނިންމި ގޯސް ނިންމުމެއް ކަމަށެވެ. ނަމަވެސް، މީގެ ކުރިން ވެސް މިހެން ނިންމުމަށް ފަހު، އެ ނިންމުން ތަންފީޒުނުކުރީ މަސްވެރިކަމުގެ ސިނާއަތަށް ކުރާނެ ނުރަނގަޅު އަސަރަށް ރިއާޔަތްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މައިގަނޑު ސަބަބަކަށް ވެފައި ވަނީ، ކަނޑުގެ ދިރުންތައް ހަލާކުވެދިޔުމަށް މަގުފަހިވާތީ އާއި މަސްވެރިކަމުގެ އަމާޒަކަށްނުވާ އަދި ނެތިދިޔުމުގެ ބިރު ހީވެފައިވާ އެތަށް ދިރުންތަކެއް ވެސް މިފަދަ މަސްވެރިކަމުގެ ނުސީދާ ޝިކާރައަކަށްވެ، މަސްވެރިކަމުގެ ސިނާއަތަށް ތަފާތު ގޮތްގޮތުން އޭގެ ގެއްލުމާ ކުރިމަލާންޖެހޭތީ،" މައުރޫފް ވިދާޅުވި އެވެ.

ލޭނު މަސްވެރިކަމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން މަސްވެރިންނާއި ޓޫރިޒަމް ސިނާއަތާއި ތިމާވެއްޓާއި ކަނޑު ދިރުންތައް ހިމާޔަތް ކުރަން ވަކާލާތު ކުރާ ޖަމިއްޔާތަކާއި އާންމުންގެ ކަންބޮޑުވުން އެބަހުއްޓެވެ. މިކަން ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވީ ސަރުކާރުގެ ނިންމުން ތަންފީޒުކުރުމުން ނުކުމެދާނެ ނުރަނގަޅު ނަތީޖާއަކަށް ރިއާޔަތްކުރަން ޖެހޭ ކަމަށެވެ.

މި ކުއްލި މައްސަލައާ މެދު ބަހުސް ކުރަން މަޖިލީހުގައި ނެގި ވޯޓުގައި އެއްކޮޅަށް ވޯޓު ދިނީ 11 މެމްބަރުންނެވެ. އެއީ އިދިކޮޅު އެމްޑީޕީ މެންބަރުންނެވެ. ސަރުކާރަށް ތާއީދުކުރާ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ 47 މެމްބަރުން ވޯޓު ދިނީ މައްސަލަ ބަލައި ނުގަންނާށެވެ.

ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޭން ސަރުކާރުން ނިންމީ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ރާއްޖެއަށް ދީފައިވާ މަސް ކޯޓާއާ ހަމައަށް މަސް ނުބޭނޭތީ، އެ ކޯޓާ ހަމަކުރަން ކަމަށް ބުނެ އެވެ.

ރާއްޖެއަށް ލިބިފައިވާ ލޯބޮޑު ކަންނެލީގެ ކޯޓާއަކީ އަހަރަކަށް 2000 ޓަނެވެ. އަދި ރީނދޫއުރަހަ ކަންނެލި ބޭނޭނެ ކޯޓާއަކީ 47،000 ޓަނެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ ވޭތުވި އަހަރުތަކުގައި ރާއްޖެއަށް މި ކޯޓާ ހަމަނުވާ ކަމަށާއި އެވަރެޖުކޮށް ރާއްޖެއިން ބާނަނީ 30،000 ޓަނު ކަމަށެވެ.