Advertisement

މޮރީނިއޯގެ ފެނަބާޗޭ ޗެމްޕިއަންސް ލީގުގެ ކޮލިފައިން އިން ކަޓައިފި

14 އޮގަސްޓު 2024 - 09:26 0


މޮރީނިއޯގެ ފެނަބާޗޭ ޗެމްޕިއަންސް ލީގުގެ ކޮލިފައިން އިން ކަޓައިފި

14 އޮގަސްޓު 2024 - 09:26 0

ޕެރިސް (އޮގަސްޓް 14) - ތުރުކީގެ ފެނަބާޗޭއާ އެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދައި، އެ ޓީމާ ހަވާލުވި ކޯޗު، ހޯސޭ މޮރީނިއޯ، އެ ޓީމު ގޮވައިގެން ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ކުޅުނު މެޗުން ބަލިވެއްޖެ އެވެ.

ކޮލިފައިންގެ ދެ ލެގަށް ބަލާއިރުގައި ފްރާންސްގެ ލިލް އަތުން ފެނަބާޗޭ ބަލިވީ 3-2 އިންނެވެ.

ފުރަތަމަ ލެގުގައި ލިލް މޮޅުވީ 2-1 އިންނެވެ. ދެ ވަނަ ލެގުގައި ނަތީޖާ ނެރެން ޖެހުނީ، އިތުރު ވަަގުތުގެ ދެ ހާފް ކުޅެގެންނެވެ.

ދެ ވަނަ ލެގުގެ ދެ ވަނަ ހާފު ފަށައިގެން ފެނަބާޗޭ އިން ލީޑުނެގީ، ލިލްގެ ބަފޯޑޭ ޑިއަކީޓޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނުއިރު، ލިލް، ޗެމްޕިއަންސް ލީގަށް ގެންގޮސްދިން ލަނޑު ޖެހީ، ކެނަޑާގެ ފޯވާޑް، ޖޮނަތަން ޑޭވިޑް އެވެ.

ފެނަބާޗޭ އިން މޮރީނިއޯ އަށް އަހަރަކު 11 މިލިއަން ޑޮލަރުގެ މުސާރައެެއް ދޭ ގޮތަށް ގެނައި، އެންމެ ބޮޑު ބޭނުމަކީ، 2014 ވަނަ އަހަރަށް ފަހު، އެ ޓީމުން ތުރުކީ ސުޕަ ލީގު ހޯދަން ކުރާ މަސައްކަތުގައި ކާމިޔާބު ހޯދުމަށެވެ.

އެކަމަކު، 36 ޓީމު ކުޅޭ ގޮތަށް ފޯމެޓް ރޭވިފައިވާ މި ފަހަރުގެ އާ ޗެމްޕިއަންސް ލީގުގައި، ފެނަބާޗޭ ނުފެނުމަކީ، އެ ޓީމަށް މާލީ ގޮތުން ލިބޭނެ ދެރައެކެވެ. މޮރީނިއޯ ވަނީ ޕޯޓޯ އާއި އިންޓަ މިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ.

ފެނަބާޗޭ މި ފަހަރު ފެންނާނީ ޔޫރޮޕާ ލީގުންނެވެ.