Advertisement

މޫސުން ގޯސްވުމުން ސަރުކާރު އޮފީސްތައް މާދަމާ ބަންދުކުރަން ނިންމައިފި

13 އޮގަސްޓު 2024 - 20:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިއަދު މާލެއަށް ވާރެ ވެހެނީ: މޫސުން ގޯސްވުމުން މާދަމާ ސަރުކާރު ބަންކުރަން ވަނީ ނިންމާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މޫސުން ގޯސްވުމުން ސަރުކާރު އޮފީސްތައް މާދަމާ ބަންދުކުރަން ނިންމައިފި

13 އޮގަސްޓު 2024 - 20:25 0

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު އޮފީސްތައް ބަންދު ކުރަން ރައީސް ނިންމެވީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވާނެތީ ކަމަށެވެ.

"މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާ އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުން ގެންދަވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ،" އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ހީނާ ވިދާޅުވި އެވެ.

ސަރުކާރު ބަންދުކުރަން ނިންމާފައި މިވަނީ މޫސުން ގޯސްވުމާ ގުޅިގެން މާލެ ސަރަހައްދާއި އުތުރުގެ ބައެއް އަތޮޅުތަކުގެ ސްކޫލުތައް މާދަމާ ބަންދުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނިކޮށެވެ. ރައީސްގެ ނިންމެވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއް ވެސް މާދަމާ ބަންދުވާނެ އެވެ.

މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ބައެއް ވަނީ ފެނު އަޑީގަ އެވެ. މިކަމާ ގުޅިގެން އާންމުންގެ ދިރިއުޅުމަށާއި އަސާސީ ހިދުމަތްތަކަށް ވަނީ ބުރޫއަރައިފަ އެވެ.

މިއަދު މެންދުރު މާލެއަށް ވެހެން ފެށި ވާރޭ އަދިވެސް މެދުކެނޑިފައި ނުވާއިރު މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅެން ދަތިވާ ވަރަށް ވަނީ ފެން ބޮޑުވެފަ އެވެ. ބައެއް ގެތަކަށާއި ފިހާރަތަކަށް ފެން ވަނުމުގެ ސަބަބުން ގެއްލުންތަކެއް ވެސް ވަނީ ލިބިފަ އެވެ.

މާލޭގެ އިތުރުން އުތުރުގެ ގިނަ ރަށްތަކަށްވެސް މިހާރު ކުރަމުންދާ ވިއްސާރާގައި ވަނީ ގެއްލުން ލިބިފަ އެވެ.

އުތުރާއި މެދު ރާއްޖެ ތެރެއަށް މެޓް އޮފީހުން ދަނީ ތަކުރާރުކޮށް މޫސުމާ ބެހޭ ސަމާލުތަކާއި އިންޒާރުތައް ނެރެމުންނެވެ. މެޓުން މީގެ ކުރިން ބުނީ މި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރާ މި ވިއްސާރަ ހަފުތާ ބަންދާ ހަމައަށް ކުރާނެ ކަމަށެވެ.