Advertisement

މަޖިލީހުގައި އަދަދު މަދުވެދާނެ، ނަމަވެސް އަޅުގަނޑުމެންނަށް "ބުލީ" ނުކުރެވޭނެ: އެމްޑީޕީ

12 އޮގަސްޓު 2024 - 11:37 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީގެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ހަތަރު މެންބަރެއްގެ ނަން އިއްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި --- ފޮޓޯ: މަޖިލިސް އިދާރާ


މަޖިލީހުގައި އަދަދު މަދުވެދާނެ، ނަމަވެސް އަޅުގަނޑުމެންނަށް "ބުލީ" ނުކުރެވޭނެ: އެމްޑީޕީ

12 އޮގަސްޓު 2024 - 11:37 0

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ އަދަދު މަދު ނަމަވެސް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބުލީ ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެ ޕާޓީގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލު ކުރަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާ ހޫނުވެ، ރިޔާސަތުން ވަނީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ނަން އިއްވައި ޖަލްސާ ދޫކޮށް ދާން އަމުރުކޮށްފަ އެވެ.

ނަން އިއްވި މެންބަރުންނަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ފިއްޓޭ ނަން އިއްވުން ސިފަކުރީ ބުލީ ކުރުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑު ކުޑަވީމައި ބުލީ ކޮށްލާނަމޭ ހިތާ ހަމަ އެގޮތަށް ކަން ކުރީ. ބޮޑު ލަޝްކަރެއް ފަހަތުގައި އޮންނާތީ ވަޒީރަށް ފެންނަނީ, މިއީ ކުޑަކުޑަ މީހެކޭ އެގޮތަށް ސިފަވީ. އެހެންވިޔަސް އަޅުގަނޑުމެން އަދި ކުޑަޔަކަސް އެހެން ބުލީއެއް ނުކުރެވޭނެ," ފިއްޓޭ ވިދާޅުވި އެވެ.

މައިނޯރިޓީ ލީޑަރު ނާޒިލް ވިދާޅުވި ގޮތުގައި ނަން އިއްވުމަކީ ރިޔާސަތުން މިއަދު ކޮށްގެން ވާނެ ކަމެއް ނޫނެވެ.

"ރިޔާސަތުން ކަންތައްތައް ކުރި ގޮތުން މިއަދު ޔަގީން ކަށަވަރު ކުރެވޭ މި މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކުގައި ޕީއެންސީގެ މެންބަރުންނާއި, މަޖިލީހުގެ ބާރުވެރިކަމާއި އެކީގައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްނުދޭނެކަން ވަރަށް ސާފުކޮށް އެބަ އެނގޭ," ނާޒިލް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރައްވަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ފްލެޓް ދޫކުރުން ދިގުދަންމާލުން އޭނާ ސިފަކުރެއްވީ ހުދުމުހުތާރު ކަމެއްގެ ގޮތުގަ އެވެ.

"މީހުން ދިރިއުޅޭ ދަތި ހާލު ނުފެންނަނީ ބާއޭ, މިވަރުގެ ހައްސާސް ކަމެއް މިހެން ރަބަރެއްހެން ދަމާލަނީ މިހެން. މިހެން އެކަން އެކުރަނީ ކީއްވެގެންކަމެއް އެއްވެސް ގޮތަކަށް ނުވިސްނޭ. އެއީ އަޅުގަނޑު ޖަވާބު ބޭނުންވާ ކަމެއް," ކުޑޫ ވިދާޅުވި އެވެ.

މައްސަލަ ހޫނުވީ ފިއްޓޭ ކުރެއްވި ސުވާލަކަށް މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވުމުންނެވެ. އޭނާ ކުރެއްވި ސުވާލަކީ، ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު ނުއަތުލާނެ ކަމަށް ވައުދުވުމަށް ފަހު އެ ސިޔާސަތު މިނިސްޓްރީން ބަދަލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރައްވާފައިތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓާއި ގޯތި އެއްވެސް މީހެއްގެ އަތުން އަތުލާނީ ލިބިފައި ވަނީ ހައްގުވެރިންނަށްތޯ ނުވަތަ ނޫންތޯ ބެލުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެންނެއް އެއްވެސް ބަދަލެއް ނުގެންނާނަން އެ ފްލެޓެއް ނުވަތަ ގޯއްޗެއް ލިބިފައި ވަނީ ހައްގު ލިބެންވާ ފަރާތަކަށްކަން ޔަގީންކޮށްފައި ނޫނިއްޔަކާއެއް،" ހައިދަރު ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ނުލިބުމުން ޒިޔާދު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އެކަން ފާހަގަ ކުރައްވައިފަ އެވެ. ނަމަވެސް ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއީ ނިޒާމީ ނުކުތާއެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށެވެ.