Advertisement

މެކްލާފްލިން-ލެވްރޯން: މިއީ އާދައިގެ އެތުލީޓެއް ނޫން!

12 އޮގަސްޓު 2024 - 10:10 0


މެކްލާފްލިން-ލެވްރޯން: މިއީ އާދައިގެ އެތުލީޓެއް ނޫން!

12 އޮގަސްޓު 2024 - 10:10 0

ޕެރިސް (އޮގަސްޓް 12) - އެމެރިކާގެ އެތުލީޓު، ސިޑްނީ މެކްލާފްލިން-ލެވްރޯން މި ފަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ދެ ރަން މެޑަލާ އެކު ނިންމާލިއިރު، މި ފަހަރު ވެސް ދުނިޔޭގެ ރެކޯޑެއް ވަނީ ހަދައިފަ އެވެ.

ޕެރިސް އޮލިމްޕިކްސްގައި، މެކްލާފްލިން-ލެވްރޯންގެ ރެކޯޑަށް ބަލާއިރު، އޭނާ ވަނީ 400 މީޓަރު ހާޑަލްސް އިވެންޓުން ރަން މެޑަލާއި އެމެރިކާ އިން 4 ގުނަ 400 މީޓަރު ރިލޭ އިވެންޓުން ރަން މެޑަލް ހޯދި ޓީމުގައި ދުވެފަ އެވެ.

މިއީ، މިދިޔަ ފަސް އަހަރު ތެރޭގައި، މެކްލާފްލިން-ލެވްރޯން، 25، ހޯދަމުން އައި ކާމިޔާބީތަކަށް ބޮޅެއް އިތުރުވިި ފަހަރެވެ.

މެކްލާފްލިން-ލެވްރޯން، މި ފަހަރުގެ ހާޑްލްސް ރޭސް ނިންމީ، 50.37 ސިކުންތުންނެވެ. ދެ ވަނަ ހޯދީ އެމެރިކާގެ އެނާ ކޮކްރެލް އެވެ. އޭނާގެ ޓައިމިން އަކީ، 51.87 ސިކުންތެވެ. މި އިވެންޓްގައި ކުރިން ތަފާތު ދައްކަމުން އައި، ނެދަލެންޑްސްގެ ފެމްކާ ބޯލް، ތިން ވަަނަ އަށް ދިޔައީ، 52.15 އިން ރޭސް ނިންމައިގެންނެވެ.

މެކްލާފްލިން-ލެވްރޯން ރޭހެއް ނިންމުމަށް ފަހު އެމެރިކާ ދިދަ ގައިގައި އޮޅާލައިގެން.--


ހަތަރު ސަތޭކަ މީޓަރުގެ ހާޑްލްސް އިވެންޓް ތާރީހަށް ބަލާއިރު، އެންމެ އަވަސް 20 ޓައިމިންގެ ތެރެއިން، 17 ޓައިމިންގައި ހިއްސާ އޮތީ، ބޯލް އާއި މެކްލާފްލިން-ލެވްރޯންގެ އެވެ.

"އަހަރެމެންގެ މި އިވެންޓް ކުރިއަރައިގެންދާތީ ވަރަށް އުފާވޭ. މީހުން މި ރޭހަށް ޝައުގުވެރިވެގެން ބަލަން ހުންނަ ނަމްބަރު އިތުރު އެބަވޭ. މިއީ މި ކާމިޔާބީ ހާއްސަވާ ސަބަބު،" 400 މީޓަރު ހާޑަލްސްގެ ދުނިޔޭގެ ރެކޯޑް ހޯލްޑަރު، މެކްލާފްލިން-ލެވްރޯން ބުންޏެވެ.

މެކްލާފްލިން-ލެވްރޯން، 2019 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ދެ ވަނަ އަށް ދިޔަ ފަހުން، ޓްރެއިނިން ބަދަލުކޮށް އަލުން އެނބުރި އައިސް ފަސްބެލުމެއް ނެތި އަންނަނީ ތަފާތު ދައްކަމުންނެވެ.

މެކްލާފްލިން-ލެވްރޯން އަށް މި ފަހަރުގެ އޮލިމްޕިކްސްގައި ލިބުނު ރަން މެޑަލް ދައްކާލަނީ.


އޭގެ ފަހުން މި ވީ މުއްދަތުގައި، މެކްލާފްލިން-ލެވްރޯން ވަނީ ދުނިޔޭގެ ރެކޯޑް ހަ ފަހަރު މުގުރާލުމުގެ އިތުރުން، އޮލިމްޕިކްގެ ތިން ރަން މެޑަލް ހޯދުމުގެ އިތުރުުން، އެތުލެޓިކްސް ދުނިޔޭގެ ފެޑެރޭޝަނުން ހޮވި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދައިފަ އެެވެ.

ކެރިއަރުގައި މެކްލާފްލިން-ލެވްރޯން ހޯދަމުން އަންނަ ކުރިއެެެރުމަށް ބަލައި، އޭނާގެ އުފަން ސަރަހައްދު، އެމެރިކާގެ ނިއު ޖާޒީގެ ނިއު ބްރުންސްވިކްގެ ޓްރެކުގެ ނަން ވަނީ މެކްލާފްލިން-ލެވްރޯން އަށް ހާއްސަކޮށްފަ އެވެ. ކުޅިވަރު ބްރޭންޑް ނިއު ބެލެންސް އިން މިހާތަނަށް އެންމެ ބޮޑު ކޮންޓްރެކްޓެއް ދިން އަންހެން އެތުލީޓުންގެ ތެރޭގައި، މެކްލާފްލިން-ލެވްރޯން ހިމެނޭއިރު، މަޝްހޫރު ގްރޭންޑް ސްލެކް ޓްރެކާ އެކު، ކޮންޓްރެކްޓެއް ވެސް ވަނީ ހަދައިފަ އެެވެ.