Advertisement

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މުއްދަތު ހަމަވެފައި އޮންނަތާ 5 މަސް

11 އޮގަސްޓު 2024 - 09:58 3

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން ބެޑްމިންޓަން އެންމެ ފަހުގެ ހިންގާ ބޯޑުގެ ނައިބު ރައީސް ޝާކިރު (ވ) އާއި


ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މުއްދަތު ހަމަވެފައި އޮންނަތާ 5 މަސް

11 އޮގަސްޓު 2024 - 09:58 3

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައި އޮންނަތާ މިއަދަށް ފަސް މަސް ހަމަވާއިރު، އަދިވެސް އެ ކަމަށް ޖުމްލަ ހައްލެއް ލިބިފައިނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ.

މުއްދަތު ހަމަވެފައި އޮތް ބޯޑަކުން، ބެޑްމިންޓަން އެސޯސިއޭޝަން ހިންގަމުން އަންނަތާ މިއަދަށް ފަސް މަސް ހަމަވާއިރު، އަދިވެސް އެ އެސޯސިއޭޝަންގެ ކަންކަން ރަސްމީ ހައިސިއްޔަތުން ކުރީގެ ހިންގާ ބޯޑުން ބަލަމުން އަންނާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އެންމެ ފަހުން ވެސް ކޯޓު ޝެޑިއުލްގެ ކަންކަމުގައި މައުލޫމާތު ދީފައި އޮތީ، ހިންގާ ކޮމިޓީގެ މެމްބަރެއް ސޮއިކޮށްފައި އޮތް ލިޔުމަކުން. އެ މީހުން އަދިވެސް އެ ތިބީ. މީގެ ވާ ގޮތެއް ނޭނގެ،" ބެޑްމިންޓަން ކްލަބެއްގެ މެމްބަރެއް، ކަންބޮޑުވުން ފާޅުކުރަމުން، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.

މިދިޔަ މަހުގެ މެދު ތެރޭގައި، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުން މޫސާ ނާޝިދު (މޫސަ) ވަނީ އިސްތިއުފާ ދީފަ އެވެ. އެކަމަކު، މޫސަ، އިސްތިއުފާދީފައިވަނީ، މަގާމުގެ މުއްދަތު ހަމަވިތާ ހަތަރު މަސް ފަހުންނެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އަންނަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އާ ގުޅިގެން، ބެޑްމިންޓަން އެސޯސިއޭޝަން މައްސަލަައިގައި ހައްލެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ.

އެކަަމަކު، އެކަށީގެންވާ ދުވެލީގައި މި މައްސަލައަށް ހައްލެއް ނުލިބި ކަންކަން ދިގުލައިދިއުމަކީ، ބެޑްމިންޓަނާ ގުޅުން ހުރި އެންމެންގެ ކަންބޮޑުވުމެކެވެ.

މޫސައާ ގުޅޭ، ބެޑްމިންޓަން އެސޯސިއޭޝަންގެ ލީޑަޝިޕްގެ ކޮރަޕްޝަންގެ މައްސަލައެއްގައި، އޭނާގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުގެ ކަންކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބަލައި، ފާސްކޮށްފަ އެވެ. އެ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ ފަރާތްތަކުގެ މައްޗަށް ކުރެވޭ މި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު ހިމެނޭ، ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ، އަސްކަނި ސްޕޯޓްސް އާއި އޭނާއާ ގުޅުން ހުރި އެހެން ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި މައްސަލައާ ގުޅިގެން ދައުލަތާ ދެކޮޅަށް މޫސަ ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

މޫސަ ވަނީ މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެެރަލް އޮފީހާ ދެކޮޅަށް، ހައި ކޯޓަށް މައްސަލަަ ހުށަހަޅައިގެންވެސް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު، އެކަށީގެންވާ ކަމެއް ކޯޓުން ހާސިލެއް ނުވި އެވެ.

އޭސީސީން ކޮރަޕްޝަންގެ ތަހުގީގެއް ކުރާތީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ވެސް ފަސްކުރަން އެ އިދާރާއިން ވަނީ އޭރު އަންގައިފަ އެވެ. އަދި ސްޕޯޓްސް ކޮމިޝަނަރު ވެސް ވަނީ އަސާސީ ގަވާއިދު އިސްލާހުނުކޮށް، ބެޑްމިންޓަން އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދަން ލަފާދީ ކުރިއަށްދާން ގޮތްތަކެއް ވެސް ސާފުކޮށްދީފަ އެވެ. އެކަމަކު، އޭގެއިން އެއް ގޮތަކަށް ވެސް އެސޯސިއޭޝަނުން މަސައްކަތްނުކުރެ އެވެ. ކަންކަން ހައްލުކޮށް، އިންތިހާބަކަށް ދިއުމަށް ދިން މުއްދަތުގައި ވެސް އެކަން ކޮށްފައިނުވެ އެވެ.

ސަރުކާރުން ބަޖެޓް ފޯރުކޮށްދޭ، މުއައްސަސާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދައި، އެ މައުލޫމާތު އާންމު ކުރާ، އައިމަން ލަތީފް (ޕިކޯ)، މައުލޫމާތު ހޯދަން ހުށަހަޅައިފައިވަނީ މައިގަނޑު ހަތް ކަމެއްގެ މައްޗަށް އަލިއަޅުވާލައިފަ އެވެ. އެ ހަތް ކަންތަކުގެ ތެރެއިން، ކޮންމެ ކަމެއްގައި ވެސް ހަރަދު ހިނގާފައިވާ ކަންކަން، 2018 އިން ފެށިގެން 2023 އާ ހަމައަށެވެ.

އެ ކަންތައްތަކަކީ، ފާހަގަކޮށްފައިވާ މުއްދަތުގެ ތެރެއިން ބެޑްމިންޓަން އެސޯސިއޭޝަނަށް ލިބުނު އާމްދަނީ އާއި ކުރެވުނު ހަރަދު، އެ މުއްދަތުގެ ތެރޭގައި ބެޑްމިންޓަން އެސޯސިއޭޝަނުން ގަނެފައިވާ ތަކެއްޗާއި އެ އަށް ހަރަދުހިނގާފައިވާ ގޮތާއި ބިޑިން ކަންކަން ހިނގާފައިވާ ގޮތް، އެ މުއްދަތުގެ ތެރޭގައި ބިދޭސީ ސްޓާފުން/ކޯޗުން /އަމްޕަޔަރުން /ރެފްރީން/ޓެކްނިކަލް ސްޓާފުން ހަމަޖައްސާފައިވާ އުސޫލާއި ދީފައިވާ ކޮންޓްރެކްޓާއި ދޭ މުސާރަ އަދި އެކޮމަޑޭޝަން ފަދަ ހަރަދުތައް ކޮށްފައިވާ ގޮތް، ހިންގާ ކޮމިޓީ އަށް މީހުން އިންތިހާބު ކުރެވުނު ގޮތުގެ މައުލޫމާތު، ފާހަގަކޮށްފައިވާ މުއްދަތުގެ އަހަރީ އާންމު ޖަލްސާގެ ރިޕޯޓްތަކާއި އަހަރީ ރިޕޯޓްތަކެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިސް ފަރާތެއްގެ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ މި އަޑުއެހުންތަކުގައި ބައިވެރިވީ، އެންމެ ފަހުން، އޮތް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ނައިބު ރައީސް، އަހުމަދު ޝާކިރު މޫސާ އެވެ.

މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން، ބީއޭއެމް އިން ވަނީ، އިންފޮމޭޝަން ކޮމިޝަން އޮފީހުން ބޭއްވި ފަހު އަޑުއެހުމުގައި، އައިމަން ހޯދަން އެދިފައިވާ މައުލޫމާތުން ދެވެން ހުރި މިންވަރަކަށް 10 ދުވަސް ތެރޭ ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.