10 އޮގަސްޓު 2024 - 19:52 0
ލީވާން އަލީ ނާސިރު
10 އޮގަސްޓު 2024 - 19:52 0
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އިންޑިއަން ހައިކޮމިޝަންގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ޖައިޝަންކަރު ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައި، ބައެއް އާންމުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފަ އެވެ.
"ރާއްޖޭގައި އިންޑިއާގެ އެކި ދާއިރާތަކުން ރައްޔިތުން އެބަ އުޅޭ. ކުރިން ވެސް އެކަން ފާހަގަކުރިން. ބުނެލަން އޮތީ ޑޮކްޓަރެއް ނުވަތަ ނަރުހަކަށް ވިޔަސް، ޓީޗަރެއް ނުވަތަ އިންޖިނިއަރަކަށް ވިޔަސް، މެނޭޖަރެއް ނުވަތަ ޕްރޮފެޝަނަލްއަކަށް ވިޔަސް އެމީހަކު ރާއްޖޭގައި ކުރާ ކަމެއް ވެގެންދާނީ އިންޑިއާގެ އަގު ހިފަހައްޓަން ކުރެވޭ މުހިންމު މަސައްކަތަކަށް،" ޖައިޝަންކަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި މީހުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންނަށް ފަހިވާ ގޮތަށް ކަންކަން ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށާއި ރާއްޖެއަށް އިންޑިއާގެ އެއާލައިންތަކުން ކުރާ ދަތުރުތައް ވެސް އިތުރު ކުރެވޭނެ ކަމަށެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާވެސް ބައްދަލުކުރައްވައިފަ އެވެ.
ދަތުރުފުޅުގައި ރާއްޖޭގެ އިތުރު 1،000 ސިވިލް ސާވަންޓުން ތަމްރީންކުރުމުގެ އެއްބަސްވުން އާކޮށް، ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް އެންޑް ސިވިލް ސާވިސެސް ކޮމިޝަންއާއެކު އަދި ރާއްޖެއަށް ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ތައާރަފުކުރަން ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު އެމްއޯޔޫއެއްގައި ސޮއިކުރި އެވެ.
ޖައިޝަންކަރު މިރޭ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން 2023 އަދި 2022 ގައި އޭނާ ރާއްޖެ ވަޑައިގެންނެވި ނަމަވެސް އޭރު އިދިކޮޅުގައި އޮތް ޕީއެންސީ ކޯލިޝަނުގެ އިސްވެރިންނާ ބައްދަލެއް ނުކުރައްވަ އެވެ.
މާދަމާ ޖައިޝަންކަރު އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގައި އިންޑިއާގެ އެހީތެރިކަމާއެކު ނިމިފައިވާ މަޝްރޫއުތައް އިފްތިތާހު ކުރައްވާނެ އެވެ.
Comment