9 އޮގަސްޓު 2024 - 15:07 0
އަމަން ހަލީމް
ފެނަކައިގެ ޗެއާމަން އަހުމަދު ޝަހީރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނާއިފް އާއި ޑިރެކްޓަރު އަހަމަދު އީހާބު (ކ-ވ)
9 އޮގަސްޓު 2024 - 15:07 0
ފެނަކައިގެ ޗެއާމަން އަހުމަދު ޝަހީރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނާއިފް އާއި ޑިރެކްޓަރު އަހަމަދު އީހާބު ކުއްލި ގޮތަކަށް އެ ކުންފުނިން ވަކި ކޮށްފި އެވެ.
ފެނަކައިގެ މަގާމުތަކުން މީހުން ވަކިކުރިކަން ސަރުކާރުން އަދި ހާމަނުކުރި ނަމަވެސް ވަރަށް އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް ވަނީ މިކަން ކަށަވަރުކުރެވިފަ އެވެ. މި ތިން މީހުންނަކީ މި ސަރުކާރުން އެ ކުންފުންޏަށް އައްޔަނުކުރި މީހުންނެވެ.
ފެނަކައިގެ ބޯޑަށް ކުއްލި ބަދަލުތަކެއް ގެނެސް މީހުންތައް ވަކިކުރި ސީދާ ސަބަބެއް އަދި ނޭނގުނު ނަމަވެސް "އަދަދު" އަށް އެނގިފައިވާ ގޮތުގައި ފެނަކައިގައި މިހާރު އޮތް ޕްރޮކިޔުމަންޓް އުސޫލު ހަރުދަނާ ކުރުމުގެ މަސައްކަތުގައި މި މީހުން އުޅޭތީ މި ދޭތެރެއިން ހިތްހަމަނުޖެހުންތަކެއް އުޅުނެވެ.
ވަކިކުރި މީހުންގެ ތެރޭގައި ހިމެނޭ ނާއިފްއަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ވަރަށް ގާތް ބޭފުޅެއް ވެސް މެ އެވެ.
މިކަމާ ގުޅޭ ގޮތުން ފެނަކައިގެ މެނޭޖުމަންޓުގެ ބަހެއް ނުލިބެ އެވެ. އަދި ކުންފުނިތަކުން މީހުން އައްޔަނުކުރުމާއި ވަކިކުރުމުގެ ކަންކަން ކުރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބަހެއް ވެސް ނުލިބެ އެވެ.
ފެނަކައިން ބަޔަކު ވަކިކުރި މައްސަލައިގައި ސަރުކާރުގެ ބަހެއް ހޯދަން ގުޅާލުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު މިކަން ދޮގެއް ނުކުރައްވަ އެވެ. އަދި ވިދާޅުވީ ޕީސީބީން މައުލޫމާތު ދޭނެ ކަމަށާއި މާދަމާ ބައެއް މައުލޫމާތުތައް ހާމަކުރަން ހަމަޖެހިފައިވާ ކަަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސަރުކާރުން ހިންގާ ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު އެންމެ ގޯސް އެއް ކުންފުންޏަކީ ފެނަކަ އެވެ. މިހާރުގެ މެނޭޖުމަންޓުން ބުނަނީ އެއީ ކުރީގެ މެނޭޖުމަންޓުން ހަދާފައި ހުރި ގޯސްތަކެއްގެ ސަބަބުން ދިމާވި ހާލަތެއް ކަމަށެވެ.
މިހާރު ކުންފުނީގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެން މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެފައިވެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment