Advertisement

ފިސްކަލް އަދި ދަރަނީގެ ސިޔާސަތު އަންގައިދޭ ބަޔާންތައް ސިއްރުކުރި މައްސަލައިގައި އަމީރުގެ ފާޑުކިޔުން

6 އޮގަސްޓު 2024 - 18:35 0

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ބަޔާންތައް ސިއްރުކުރުން އޭނާ ސިފަކުރެއްވީ ފަހަތަށް އެޅީ ފިޔަވަޅެއްގެ ގޮތުގައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ފިސްކަލް އަދި ދަރަނީގެ ސިޔާސަތު އަންގައިދޭ ބަޔާންތައް ސިއްރުކުރި މައްސަލައިގައި އަމީރުގެ ފާޑުކިޔުން

6 އޮގަސްޓު 2024 - 18:35 0

ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުތައް ސިއްރުކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ، ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އެދިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މި ބަޔާންތައް މަޝްވަރާކުރަން ބާއްވާ ކޮމިޓީ ސިއްރުކުރަން ނިންމާފަ އެވެ.

މިކަމަށް ފާޑުވިދާޅުވެ އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ބަޔާންތައް ސިއްރުކުރަން އުޅުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވީ މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ މިނިސްޓަރަކަށް ހުންނަވައިގެން އެކަން ބަރާބަރަށް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

"2019 ވަނަ އަހަރުން ފެށިގެން، އަޅުގަނޑުމެން އައީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ ވަކި ވަކިން ބަރާބަރަށް ޝާއިއުކުރަމުން،" އޭނާ ލިޔުއްވާފައި ވެ އެވެ.

އަމީރުގެ ޕޯސްޓުގައި އޭނާ ވަނީ މިއީ މާލީ ކަންކަން ހިނގަމުންދާ ގޮތާ މެދު އެތެރެ އާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ކޮންމެހެން ވެސް ހިފަހައްޓަން ޖެހޭ ދަނޑިވަޅެއް ކަމަށް ވިދާޅުވެ އެކަން ނުކުރަން މަޖިލީހަށް ގޮވާލައްވާފަ އެވެ.

ހަމަ އެހެންމެ، މާލީ އަދި އިގުތިސާދީ ކަންތައްތައް މެނޭޖްކުރުމުގައި ސަރުކާރުގެ ގާބިލުކަމާ މެދު އިތުބާރު ގެއްލިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ ސިޔާސަތުތައް އެންމެންނަށް ފެންނަހެން ހާމަ ކުރުން ވަރަށް މުހިއްމު ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. އަދި މިކަން ގާނޫނުގެ ރޫހާ ވެސް ހިލާފު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދެ ބަޔާނުގެ މަގުސަދަކީ ދައުލަތުގެ ހަރަދާއި އާމްދަނީގެ ސިޔާސަތާ މެދު އާންމު ހޭލުންތެރިކަން އިތުރުކުރުމާއި އެ ސިޔާސަތުގެ އަމާޒުތައް ހާސިލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވަޒަންކުރެވޭނެ ވަސީލަތެއް ގާއިމް ކުރުން ކަމަށް ވީހިނދު، މި ބަޔާން ސިއްރުކުރުމަކީ ޤާނޫނުގެ ރޫހާއި ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ބަޔާންތައް ސިއްރުކުރި މައްސަލައިގެ އިތުރުން ކުރިން ގަވާއިދުން ޝާއިއުކުރަމުން އައި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ޝާއިއުކުރުން މެދުކެނޑިފައިވާ މައްސަލަައިގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަމީރުގެ ޕޯސްޓު ނިންމާލައްވަމުން އޭނާ ވަނީ މި ދެ ބަޔާން ޝާއިއުކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.