Advertisement

ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޯސްތައް އަލުން ބަލަން މަޖިލީހުން ސަރުކާރުގައި އެދެނީ

5 އޮގަސްޓު 2024 - 12:00 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ނަޝީދަށް ހަމަލާދިން ދުވަހު ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ: މި ހަމަލާގެ ތުހުމަތު ކުރެވެނީ ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ބަޔަކަށް -- ފޮޓޯ: ޝަޔާހު/އަދަދު


ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޯސްތައް އަލުން ބަލަން މަޖިލީހުން ސަރުކާރުގައި އެދެނީ

5 އޮގަސްޓު 2024 - 12:00 0

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، 2021 ގައި ދިން ބޮމުގެ ހަމަލާ ގައި ކަންހިނގި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހެދި އިންކުއަރީގައި ފާހަގަވި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް އަލުން ގެންނަން އެކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ 241 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ދިއްްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވި ގޮތުގައި މެއި 6، ހަމަލާއާ ގުޅޭ ގޮތުން އެކޮމިޓީން ކުރިން އެކުލަވައިލާފައިވާ ސިއްރު ރިޕޯޓުން އެނގޭ ގޮތުގައި އެ ހަމަލާއާ ގުޅޭ އެއް ގޯހަކީ "ވިލަރެސް ކުރެވިފައި" ނެތުމެވެ. އޭނާ އެ އިޝާރާތްކުރެއްވީ އެ ހަމަލާ ހުއްޓުވުމުގައި ސަލާމަތީ ހިދުމަތްތަކުގެ ކޯޑިނޭޝަން ނެތުމުގެ މައްސަލައަށެވެ.

ނާޒިމު ވިދާޅުވީ އެކަން މި ސަރުކާރުގެ މަސްއޫލުވެރިންގެ ސަމާލުކަމަށް ގެންނަން ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއްގައި މެންބަރުން ހިޔާލުފާޅުކުރެއްވި އެވެ. އެގޮތަށް ވާހަކަ ދެކެވުނީ އޭނާ ވިދާޅުވި ގޮތުގައި ކޯޑިނޭޝަން ދަށްވުމުގެ މައްސަލަ އަދިވެސް އެގޮތުގައި އޮތް ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކޮމިޓީގައި ބުނުމުންނެވެ.

"އެދުވަހު މި ކޮމިޓީގެ ސެކްރެެޓޭރިއަޓުން އަޅުގަނޑުމެންނަށް ދައްކައިލި، ރައީސް ނަޝީދަށް ދެވުނު ހަމަލާއާ ގުޅޭ ގޮތުން ތައްޔާރުކޮށްފައި އޮތް ސިއްރު ރިޕޯޓް. ދެން އޭގައި ބުނާ ގޮތުން ވެސް އެންމެ ބޮޑު މައްސަލައަކަށްވީ ވިލަރެސް ކުރެވިފައި ނެތުން. އެހެންވީމާ އެދުވަހު އަޅުގަނޑުމެން ކީން މިތަނުގައި ، މިހާރު މިސަރުކާރުގެ މަސްއޫލުވެރިންގެ ސަމާލުކަމަށް އެ މައްސަލަ ގެންނަންވިއްޔެ ނޫންހޭ އަލުން،" ނާޒިމް ވިދާޅުވި އެވެ.

އެ މައްސަލަ ސަރުކާރުގެ ސަަމާލުކަމަށް ގެނައުމުގެ ކަންތައް މިހާރު ގޮސްފައިވާ ހިސާބަކާ ބެހޭ ގޮތުން ނާޒިމު މުގައްރިރާ ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ކޮމިޓީގެ މުގައްރިރު ސަލީމް ވިދާޅުވީ އެ ސިޓީ މިހާރު ލިޔެފައިވާ ކަމަށާއި މިއަދު ފޮނުއްވާނެ ކަމަށެވެ. ސިޓީގައި ލިއުއްވި ވާހަކަތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ނަޝީދު އަވަހާރަކޮށްލަން، މެއި 6، 2021 ގައި ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި އެވެ. އެ ޒަހަމްތަކަށް އޭޑީކޭއިންނާއި ޖަރުމަނުވިލާތުގެ ހޮސްޕިޓަލްތަކުން އެމަނިކުފާނު ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވި އެވެ. އެ ހަމަލާގައި ބޮން ގޮއްވައިލި މީހާ ޖަލަށް ލާފައި ވާއިރު ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.