1 އޮގަސްޓު 2024 - 21:28 0
މަސްވެރިކަމުގައި އުޅުނު ނޯވޭ މީހާ: ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭތާ ހަތް މަސް ފަހުން އޭނާ އަތުލައިގަތީ މީގެ ހަފުތާއެއް ކުރިން -- ފޮޓޯ: އިމިގްރޭޝަން
1 އޮގަސްޓު 2024 - 21:28 0
ޓޫރިސްޓު ވިސާގައި މިދިޔަ އަހަރު ރާއްޖެއަށް އެތެރެވީ ނޯވޭގެ ޓޫރިސްޓަކު، ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަން ކުރަން އުޅެނިކޮށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް، ޑީޕޯޓުކޮށްލައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި މިކަމުގެ މައުލޫމާތު ހިއްސާކުރަމުން ކުރި ޕޯސްޓެއްގައިވާ ގޮތުގައި އެ މީހާ ރާއްޖެ އެތެރެވީ މިދިޔަ އަހަރުގެ ޑިސެމްބަރު، 20 ގަ އެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން އާންމު ނުކުރެ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އޭނާ އަތުލައިގަތީ އެ މީހާ ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަމުގެ މަސައްކަތްކޮށް، ދިރިއުޅެމުންދާ ކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ބުރާސްފަތީގައި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން އަންނަނީ ފުލުހުންނާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ތަންތަން ރެއިޑުކޮށް، އަތުލައިގަނެވޭ އެންމެން ޑީޕޯޓުކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އަދި އަތޮޅުތެރޭގައި ވެސް މިފަދަ އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ މިގޮތަށް އަތުލައިގަނެވޭ މީހުންގެ ތެރެއިން ލިޔެކިޔުން ނެތް އެންމެނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓުކޮށްލުމެވެ.
Comment