Advertisement

ދިރާގުން ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖޭގައި އިފްތިތާހްކޮށްފި

1 އޮގަސްޓު 2024 - 21:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގުން ސީމީވީ ހަ ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖޭގައި އިފްތިތާހްކުރުން -- ފޮޓޯ: ދިރާގު


ދިރާގުން ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް ރާއްޖޭގައި އިފްތިތާހްކޮށްފި

1 އޮގަސްޓު 2024 - 21:09 0

އެންމެ ފަހުގެ ގްލޯބަލް ސުޕަ ހައިވޭ ކަމަށްވާ ބައިނަލްއަގުވާމި ސީމީވީ 6 ސަބްމެރިން ކޭބަލް ދިވެހިރާއްޖެއާ ގުޅާލުން ދިރާގުން މިއަދު އިފްތިތާހުކޮށްފި އެވެ.

ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މަސައްކަތް 2026 ގެ ކުރީކޮޅުގައި ނިމޭނެ ކަމަށް ދިރާގުން އަންދާޒާ ކުރެ އެވެ.

ދިރާގުން ބުނާ ގޮތުގައި މިއީ ރާއްޖޭގެ މުވާސަލާތީ ތާރީހުގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް ކޮންސޯޓިއަމްގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ޑިޖިޓަލް ހިދުމަތް ދޭ ކުންފުންޏެއް ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ސީމީވީ ހަ ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވާލަދޭ ގްލޯބަލް ސުޕަހައިވޭއެކެވެ. އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލޮޖީން ފަރުމާކޮށްފައިވާ މި ސިސްޓަމް ސިންގަޕޫރުން ފެށިގެން ފަރަންސޭސިވިލާތާ ދެމެދު އެގާރަ ގައުމެއްގައި ޖައްސާނެ އެވެ.

ދިގުމިނުގައި 19،200 ކިލޯމީޓަރު ހުންނަ އެ ސަބްމެރިން ކޭބަލް ސިސްޓަމްގެ ޓްރާންސްމިޝަން ސްޕީޑް ފަށާނީ ވެސް 100 ޓީބީޕީއެސް އިންނެވެ.

މި ގްލޯބަލް ސިސްޓަމްގެ ފުރިހަމަ ބައިވެރިއަކަށްވުމަށްޓަކައި ދިރާގުން ވަނީ 2021 ގައި ދުނިޔޭގެ ބައިނަލްއަގުވާމީ 16 ޓެލްކޯ އަދި ޓެކް ކުންފުންޔަކުން ޝާމިލުވާ ކޮންސޯޓިއަމެއްގައި ބައިވެރިވެފަ އެވެ.

އެގޮތުން ދިރާގުން ކުރި ބޮޑު އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކާއި ދިވެހިރާއްޖެ ސީދާ ގުޅުވާލެވި، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެ، މުސްތަގުބަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް މިހާރަށް ވުރެ ކުރިއެރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު ވިދާޅުވީ ދިރާގުގެ ޑިޖިޓަލް ނެޓްވަކް ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަކީ ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ހަބެއްގެ ގޮތުގައި ރާއްޖެ ގާއިމްކޮށް، އެ ކުންފުނީގެ މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.