Advertisement

އޮޅުމަކުން ބީއެމްއެލްގެ ބައެއް އެކައުންޓުތަކަށް ބިލިއަނުން ޑޮލަރު ޖަމާވެއްޖެ

1 އޮގަސްޓު 2024 - 18:52 1

އަމަން ހަލީމް

އަމަން ހަލީމް


އޮޅުމަކުން ބީއެމްއެލްގެ ބައެއް އެކައުންޓުތަކަށް ބިލިއަނުން ޑޮލަރު ޖަމާވެއްޖެ

1 އޮގަސްޓު 2024 - 18:52 1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ކަސްޓަމަރުންގެ އެކައުންޓަށް ބިލިއަނުން ޑޮލަރު ޖަމާވީ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޮއަކުން ފެންނަ ގޮތުގައި އެކެއްގެ އެކައުންޓަށް މުސާރައިގެ ގޮތުގައި 77 ބިިލިއަން ޑޮލަރު ޖަމާވެފައި ހުއްޓެވެ.

މިކަން ހިނގިކަން ކަށަވަރުކޮށްދެމުން ބީއެމްއެލްގެ މީޑިއާ އޮފިޝަލަކު ބުނީ، މި ހާދިސާ ހިނގީ ޕޭމަންޓެއް ޕްރޮސެސް ކުރުމުގައި "ހިއުމަން އެރާ" އެއްގެ ސަބަބުން ކަމަށެވެ. އަދި މިކަން ދެނެގަނެވި އެކައުންޓުތަކުގައި ހުރި ފައިސާ ރިވާސް ކުރެވިފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބޭންކުން އިތުރަށް ބުނީ މިއީ މުސާރަތައް ޖަމާކުރާ ޕޭރޯލް ޕްރޮސެސިންގެ ބަލްކް ޕޭމަންޓަށް މިފަހުން ގެނައި ބަދަލަކާ ގުޅިގެން ދިމާވި ކަމަށެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ މީގެ ސަބަބުން އެއްވެސް ފައިސާއެއް ނުގެއްލޭ ކަމަށެވެ. އަދި މިހެން ދިމާވި ނަމަވެސް އެ ބޭންކުގެ ސިސްޓަމްތައް ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ބޭންކުން ދިނެވެ.

މިކަމެއް ދިމާ ވުމާ ގުޅިގެން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންއަށް ބުރޫ އެރި އެވެ.

77 ބިލިއަން ޑޮލަރު ޖަމާވީ ލީލީ އެންޓަޕްރައިސަސްގެ އެކައުންޓަކަށެވެ. އެ ކުންފުނީގެ އިސް ވެރިޔަކު "އަދަދު" ނޫހަށް ވިދާޅުވީ، ގިނަ އަދަދެއްގެ ފައިސާ ޖަމާވިކަން އެނގުނީ، މުވައްޒަފުންގެ މުސާރަ ޖަމާކުރަން ބޭންކަށް ފޮނުވާފައި، އެކަމުގެ އަޕްޑޭޓެއް ބެލުމަށް އެކައުންޓު ޗެކުކުރުމުން ކަމަަށެވެ.

އެހެންވެ، ބޭންކަށް އެކަން ވަގުތުން އެންގި ކަމަށާއި، އެ މައްސަލައިގައި އަދިވެސް އެކައުންޓު ހުރީ ބޭނުން ނުކުރެވޭ ގޮތް ހަދާފައި ކަމަށް އޭނާ ވިދާޅުވި އެވެ.