Advertisement

އޮލިމްޕިކްސްގައި އާން އަށް ގައުމީ ރެކޯޑް ޓައިމިންއަކާ އެކު ހީޓުގެ ތިން ވަނަ

1 އޮގަސްޓު 2024 - 15:00 0

ިމިދިޔަ އަހަރުގެ އައިއޯއައިޖީގެ އިވެންޓެއްގެ ތެރެއިން އާން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ ރާއިފް ޔޫސުފް


އޮލިމްޕިކްސްގައި އާން އަށް ގައުމީ ރެކޯޑް ޓައިމިންއަކާ އެކު ހީޓުގެ ތިން ވަނަ

1 އޮގަސްޓު 2024 - 15:00 0

އޮލިމްޕިކްސްގެ ސްވިމިން އިވެންޓްގައި ވާދަކުރި ގައުމީ ފެތުންތެރިންގެ ޓީމުގެ، މުހައްމަދު އާން ހުސެއިން، ގައުމީ ރެކޯޑް ޓައިމިންއަކާ އެކު ވާދަކުރި ހީޓުގެ ތިން ވަނަ މަގާމު ހޯދައިފި އެވެ.

އާން، 19، މިއަދު މެންދުރު ފަހު، އޮލިމްޕިކްސްގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓްގެ ހީޓު ހަތަރެއްގައި ވާދަކޮށް، ރޭސް ނިންމީ، 24.22 ސިކުންތުންނެވެ. މިއީ ގައުމީ ރެކޯޑް ޓައިމިން އެވެ.

އެންމެ ފަހުން، 50 މީޓަރު ފްރީ ސްޓައިލް އިވެންޓުން ގައުމީ ރެކޯޑް ހެދީ މި އަހަރު، މެއި މަހު މެލޭޝިއާގައި ކުރިއަށްދިޔަ މުބާރާތުގައި އާން އެވެ. އެއީ، 24.28 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސްވިމިން އެސޯސިއޭޝަނުން ވެސް ވަނީ އާންގެ ޓައިމިން އަކީ ގައުމީީ ރެކޯޑެއް ކަމަށް ކަނޑައަޅައިފަ އެވެ. އާން ރެކޯޑް އާކުރީ، ހަ މިލިސިކުންތުގެ ކުރިއެރުމަކާ އެކީގަ އެވެ.

ޖުމްލަ އެކު، އާން ހިމެނޭ ގޮތަށް، ހީޓު ހަތަރެއްގައި ވާދަކުރީ އަށް ފެތުންތެރިންނެވެ. އާން އަށް ލިބުނީ ހީޓުގެ ތިން ވަަނަ އެވެ. އާން އަށް ވުރެ ކުރިން ރޭސް ނިންމި އެތުލީޓުންނަކީ، އެއް ވަނަ ހޯދި ސްވިޒަލެންޑްގެ ތިއަރީ ބޮލިން އާއި ބުރުނޑީގެ ބެލީ-ކްރެސަސް ގަނީރާ އެވެ. ބޮލިންގެ ޓައިމިން އަކީ 22.95 ސިކުންތެވެ. އަދި ގަނީރާ ރޭސް ނިންމީ، 23.80 ސިކުންތުންނެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ސްވިމިން 50 މީޓަރު ފްރީސްޓައިލް އިވެންޓްގައި ޖުމްލަ އެކު، 74 ފެތުންތެރިން ވާދަކުރި އެވެ. އާންގެ ޓައިމިންއާ އެކު، އޭނާ އަކީ، ހުރިހާ ހީޓަކަށް ބަލާނަމަ 50 ވަނަ އެވެ.

އޮލިމްޕިކްސްގައި ރާއްޖޭން ދެން ވާދަކުރާ އެތުލީޓަކީ، އައިޝަތު އުލްޔާ ޝާއިގު އެވެ. އުލްޔާގެ އިވެންޓް އޮތީ މާދަމާ އެވެ. އޭނާ ވާދަކުރަން ހަމަޖެހިފައިވަނީ، އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓްގަ އެވެ.