Advertisement

އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ސްކޮލާޝިޕުގެ ދަށުން ޖަޕާނުން ރާއްޖެއަށް އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

30 ޖުލައި 2024 - 16:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެހީގެ އެއްބަސްވުމުގައި ފޮރިން މިނިސްޓަރު ޒަމީރު އަދި ޖަޕާނުގެ ސަފީރު ސޮއިކުރައްވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ


އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ސްކޮލާޝިޕުގެ ދަށުން ޖަޕާނުން ރާއްޖެއަށް އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

30 ޖުލައި 2024 - 16:53 0

އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ސްކޮލަރޝިޕުގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިއީ 2020 އިން ފެށިގެން ޖަޕާނު ސަރުކާރުން ދެމުންދާ އެހީއެއް ކަމަށެވެ. އެގޮތުން މިފަހަރު ދީފައިވަނީ 161 މިލިއަން ޖަޕަނީސް ޔެން ނުވަތަ 1.02 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ އެވެ.

މި އެހީ ދިނުމަށް ދެ ގައުމުގެ ދެމެދުގައި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރީ ފޮރިން މިނިސްޓްރީގައި އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ޑޮކިއުމެންޓް ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ އަދި ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިންނާއި ޖަޕާނު އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި އެހީއާ ގުޅޭ ގޮތުން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި ޖަޕާނުން ދޭ އެހީ އަދި އަދާކުރާ ރޯލަށް އަބަދުވެސް ޝުކުރު އަދާކުރާ ކަމަށެވެ. ހާއްސަކޮށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި އެ ގައުމުން ދޭ އެހީ ހާރިޖީ ވަޒީރު ފާހަގަކުރެއްވި އެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މި ސްކޮލަޝިޕުގެ ދަށުން އެ ގައުމުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބެ އެވެ.

"މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މަގުސަދަކީ މުސްތަގުބަލުގައި އިޖްތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުން،" ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.