28 ޖުލައި 2024 - 17:29 0
މޫސާ ނާޝިއު
28 ޖުލައި 2024 - 17:29 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ "ދައުލަތުގެ އިދާރާ" އެއްގެ ގޮތުގައި ހައިކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށް އެ ބޭންކްގެ އިސްވެރިންނާއި ޑިރެކްޓަރުންގެ މުސާރަ އާއި އިނާޔާތްތަކާ ގުޅޭ މައުލޫމާތު ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ބީއެމްއެލްގެ ޑިރެކްޓަރުންނާއި އިސް މުވައްޒަފުންނަށް ލިބޭ މުސާރަ އާއި އިނާޔާތްތައް ހޯދުމަށް އެދުނީ އާރުޓީއައި އެކްޓިވިސްޓް އައިމަން ލަތީފެވެ. އެ މައުލޫމާތު ދޭން ބީއެމްއެލްއިން ދެކޮޅު ހެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް އެންގީ މައުލޫމާތު ހާމަކުރުމަށެވެ.
އެ އެންގުމަށް ހައި ކޯޓުން ވެސް ތާއީދު ކުރި އެވެ. ބީއެމްއެލްއިން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރީ އެއީ އެ ބޭންކުގެ ވިޔަފާރި އާއި މާލީ މަސްލަހަތަށް ގެއްލުމެއް ފޯރަފާނޭ މައުލޫމާތަކަށް ވާތީ އެ މައުލޫމާތު ހިފެހެއްޓުމުގެ އިހުތިޔާރު އޮތް ކަމަށް ބުނެ އެވެ. އެ ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ދެވަނަ ނުކުތާއެއްގެ ގޮތުން ބީއެމްއެލްއިން ފާހަގަކޮށްފައި ވަނީ އެ ބޭންކަކީ "ދައުލަތުގެ އިދާރާ" އެއްގެ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރު ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި, ހައި ކޯޓުން ބީއެމްއެލްއަކީ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ ތަނެއް ކަމަށް ކަނޑައަޅާފައި ވަނީ ކުންފުންޏާ ބެހޭ ގާނޫނުގައިވާ ކުންފުނީގެ ވަކި ގާނޫނީ ޝަހުސުގެ މަފްހޫމާ ހިލާފަށް ކަމަށެވެ.
ބޭންކްގެ މުވައްޒަފުންގެ މުސާރަ ދިނުމާ ގުޅޭގޮތުން ބީއެމްއެލްއިން ފާހަގަކޮށްފައިވާ ނުކުތާގައި ބުނަނީ އެކަމުގެ ސަބަބުން އެ މައުލޫމާތު ހާމަކޮށްފިނަމަ ބޭންކްގެ ވާދަވެރިން އެ މުވައްޒަފުން ބޮޑު މުސާރަ ގެންދިޔުންވާނީ ވަރަށް ބޮޑު ބޭއިންސާފަކަށް ކަމަށެވެ.
އެ މުވައްޒަފުންގެ ފަރާތުން ބޭންކްގެ ވިޔަފާރީގެ ސިއްރުތައް ފާޅުވެ, ވާދަވެރިންނަށް ނޭދެވޭ ފައިދާއެއް ލިބުމުގެ ފުރުސަތު އެކަމުގެ ސަބަބުން އޮތް ކަމަށް ބީއެމްއެލްއިން ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން, ވިޔަފާރީގެ ސަލާމަތީ ކަންކަމަށް ލޮޅުން އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.
އެކަމުގެ ރައްދެއްގެ ގޮތުން އައިކޮމްއިން ފާހަގަކުރީ ބީއެމްއެލްއަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ 11 މެންބަރުންގެ ބޯޑުގައި ސަރުކާރުގެ ހަތް މެންބަރުން ތިއްބަވާ ކަމަށެވެ. އިސްތިއުނާފު ރައްދުވި އައިމަންގެ ޖަވާބުގައި ވެސް ވާހަކަ ދައްކާފައިވަނީ އައިކޮމްގެ ޖަވާބުގައި ވެސް ވާހަކަ ދައްކާފައިވާ މޭރުމަކުން ކަމަށް ހުކުމުގައި ލިޔެެފައިވެ އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ހުކުމް އިއްވަމުން ރައުޔު ބަޔާން ކުރައްވައި ވަނީ ބީއެމްއެލްއަކީ "ދައުލަތުގެ އިދާރާ" އެއް ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށްފަ އެވެ.
ނަމަވެސް, ބޭންކްގެ ޑިރެކްޓަރުންނާއި އިސްވެރިންގެ މުސާރަ އާއި އިނާޔާތްތަކާއި ބޭންކްގެ މުވައްޒަފުންގެ މައުލޫމާތަކީ ތިންވަނަ ފަރާތްތަކެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތު ކަމަށްވާތީވެ, އެ މައުލޫމާތު ދޫކުރަން ނުޖެހޭ ކަމަށެވެ.
ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއީދު ކުރެއްވި އެވެ.
Comment