Advertisement

މެންބަރުންގެ އަދަދު ހިފެހެއްޓުމަށް އެމްޑީޕީ ތާއީދު، އެކަމަކު ރައްޔިތުން ތަމްސީލުވުން ނުގެއްލޭ ގޮތަށް

28 ޖުލައި 2024 - 08:27 0

ސާއިފް ޝިޔާދު

ސ

Advertisement

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހުފޫޒު ސައީދު (ކ) އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންތަކަކާ އެކީ:


މެންބަރުންގެ އަދަދު ހިފެހެއްޓުމަށް އެމްޑީޕީ ތާއީދު، އެކަމަކު ރައްޔިތުން ތަމްސީލުވުން ނުގެއްލޭ ގޮތަށް

28 ޖުލައި 2024 - 08:27 0

Advertisement

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގާނޫނު އަސާސީގައި ލިޔެ ވަކި އަދަދެއްގައި ކަނޑައެޅުމަށް ތާއީދު ކުރާ ކަމަށާއި ނަމަވެސް އެކަން ކުރަން ވާނީ ރައްޔިތުންގެ ތަމްސީލުވުން ނުގެއްލޭ ގޮތަށް ކަމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމަށް މެންބަރުންގެ ހިޔާލު ހޯދުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އެ ގަރާރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަމުންދާއިރު އެމްޑީޕީ އަދި ޕީއެންސީން މިއަދު ވަނީ ކޮމިޓީގައި ގަރާރާ މެދު ދެކޭ ގޮތް ހިއްސާކޮށްފަ އެވެ.

Advertisement

"ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން މި ބާވަތުގެ އިސްލާހެއް ގެންނަން ވާނީ. އަޅުގަނޑުމެން މި ދައްކަން މި އުޅެނީ ދައުލަތުގެ އެއް ބާރަށް އިންތިހާބު ކުރަން ޖެހޭ މެންބަރުން އިންތިހާބު ކުރާނެ ގޮތްތަކެއް ކަނޑައަޅަން," އެމްޑީޕީގެ ތަރުޖަމާނު އަނަސް ވިދާޅުވި އެވެ.

އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ކޮމިޓީގައި ވިދާޅުވި ގޮތުގައި މައިގަނޑު ގޮތެއްގައި ގަރާރުގައި އޮތީ މާލީ ތަކުލީފަކަށް ވާތީ މެންބަރުންގެ އަދަދު ލިމިޓު ކުރުން ކަމަށާއި ނަމަވެސް, ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތީ މަޖިލީހުގެ ޕާފޯމަންސާ މެދު ކަމަށެވެ.

އެއާއެކު, މެންބަރުން އިތުރުވާ ގޮތަށް ގާނޫނު އަސާސީގައި ލިޔެފައި އޮތް އޮތުމަށް ވެސް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"ގާނޫނު ހަދާ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ވުމުގެ ބޭނުމަަކީ އެއީ ގާނޫނަކީ ރައްޔިތުން ހަދާ އެއްޗަކަށް ވުން. ރައްޔިތުން ހަދާ އެއްޗެއްކަން ކަށަވަރު ކުރުމަށް ޓަކައި ކޮންމެ ރައްޔިތަކު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރެވޭ ގޮތް އެކަށައެޅުން," ގާނޫނު އަސާސީގެ 71 ވަނަ މާއްދާ އެކުލެވިފައިވާ ގޮތް ބަޔާންކުރައްވަމުން މަހްފޫޒް ވިދާޅުވި އެވެ.

ގިނަ ގައުމުތަކުގައި މަޖިލިސް މެންބަރުންގެ އަދަދު ގާނޫނަކުން ކަނޑައަޅާފައިވާ ކަމަށާއި މި ގަރާރާ މެދު ބަހުސް ކުރިއަށްދާއިރު ރައްޔިތުން ތަމްސީލުވުން ގެއްލިގެން ނުދާނެ ގޮތަށް ބަހުސް ކުރިއަށްގެންދިޔުމަށް އެމްޑީޕީން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި އަތްލާން އަޅުގަނޑުމެން ގަސްތުކުރާ ކަމަށްވަންޔާ, މެންބަރަކަށް ހުންނަ މީހާއަށް އެންމެ ނުފޫޒު ނުފޯރުވައި އޭނާއަކީ އެ ކަމަށް އެންމެ ގާބިލު މީހާ ކަމުގެ ގޮތުގައި އިންތިހާބު ކުރެވޭނީ ކޮން މަގަކުން ދިޔައިމަތޯ. ރައްޔިތުންގެ ރެޕްރެޒެންޓޭޝަން ނުގެއްލޭނީ ކިހިނެއްތޯ," މަހްފޫޒް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ ވަކި މީހެއްގެ ކޮންޓްރޯލަށް ގެނެވިދާނެ މަދު އަދަދަކަށް ވެސް ވެގެން ނުވާނެ ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.

"ޖުމުލަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓިފައި އޮތުން, އަދި ބޮޑަށް ރަނގަޅީ ވެސް ގާނޫނު އަސާސީގައި ސީދާ މި އަދަދަކީ މިއީ ކަމަށް ކަނޑައެޅިފައި އޮތުން އެއީ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ. މިގޮތަށް ގެންނަން ތާއީދު ކުރަން," ނަމަވެސް އެކަމުގައި އެމްޑީޕީ ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރެވޭނެ އުސޫލެއް ކަނޑައެޅުމަށް ދަންނަވައި މަހްފޫޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މި މައްސަލައިގައި އަމަލުކުރަމުންދަނީ ރަނގަޅަށް ކަމަށާއި އިސްލާހު ހުށަހެޅުމުގެ ބަދަލުގައި ހިޔާލު ހޯދައިގެން ކުރިއަށްދިޔުމަކީ މިކަމަށް އޮތް އެންމެ ރަނގަޅު ތަރުތީބު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މަހްފޫޒު ވިދާޅުވި އެވެ.

"އެއް މިންވަރެއްގައި އެއް ނިސްބަތެއްގައި ހިފެހެއްޓިފައި ރައްޔިތުންގެ ރެޕްރެޒެންޓޭޝަން ގެއްލިގެން ނުދާނެ ވިސްނުމެއް ގެނައުން އެއީ އަޅުގަނޑުމެން ހޯދަން ޖެހޭ ހައްލަކީ."

އެމްޑީޕީން މިކަމުގައި ދެކޭ ގޮތް ބިނާވަނީ ހަމައެކަނި ހިނގާ ހަރަދަކަށް ނޫން ކަމަށާއި އެ ޕާޓީން މި ގަރާރާ މެދު ދެކޭ ގޮތް ހުށަހަޅާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް މިއަދު ކޮމިޓީގައި ބުނެފައިވެ އެވެ. މަޖިލީހުން މި މައްސަލަ ކުރިއަށްގެންދާއިރު އެމްޑީޕީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.