Advertisement

މުވައްޒަފުން މުޒާހަރާކުރީ މަސް ފެކްޓަރީ ބަންދުކޮށް މުސާރަ ނުދެވިގެން، އެކަން ހައްލުކުރަން މިދަނީ މަސައްކަތް ކުރަމުން: ސީޕްރިއާ މެރިން ފުޑްސް

26 ޖުލައި 2024 - 17:45 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މުސާރަ ނުލިބިގެން ސީޕްރިއާ މެރިން ފުޑްސްގެ މުވައްޒަފުން ކުރި މުޒާހަރާ - ފޮޓޯ: ސޯޝަލް މީޑިއާ


މުވައްޒަފުން މުޒާހަރާކުރީ މަސް ފެކްޓަރީ ބަންދުކޮށް މުސާރަ ނުދެވިގެން، އެކަން ހައްލުކުރަން މިދަނީ މަސައްކަތް ކުރަމުން: ސީޕްރިއާ މެރިން ފުޑްސް

26 ޖުލައި 2024 - 17:45 1

މުސާރަ ނުލިބޭތީ މުވައްޒަފުން މުޒާހަރާ ކުރީ އެ ކުންފުނިން ހިންގާ މަސް ފެކްޓަރީ ބަންދުކުރުމުގެ ސަބަބުން ވިޔަފާރިއަށް ލިބުނު ދަތިތަކެއްގެ ސަބަބުން މުސާރަ ނުދެވި ދިއުމުން ކަމަށް ސީޕްރިއާ މެރިން ފުޑްސް (ސީއެމްއެފް) އިން ބުނެފި އެވެ.

މުސާރަ ނުލިބި އަށް މަސްވެފައިވާ ކަމަށް ބުނެ ސީޕްރިއާގެ މުވައްޒަފުންތަކެއް މާލޭގައި ހުންނަ މައި ކުންފުނީގެ އޮފީސް ކައިރި އަދި ހިންމަފުށީގައި ހުންނަ މަސް ފެކްޓަރީ ކައިރި މުޒާހަރާކުރީ މި މަހު ކުރީކޮޅެވެ.

އެކި ސިނާއަތްތަކަށް ފެތުރިފައިވާ، ފުޅާ ވިޔަފާރިއެއް ހިންގާ ސީޕްރިއާގެ ދަށުން އޮންނަ ސީއެމްއެފް އިން މިކަމާ ގުޅިގެން އަންގާރައިގައި ނެރުނު ބަޔާނެއްގައި ވަނީ މި މައްސަލައާ، އެ ކުންފުނީގެ ސްޓޭކްހޯލްޑަރުން ހިއްސާވާ އެހެން ކުންފުނިތަކާއި ވިޔަފާރިތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.

ސީއެމްއެފްގެ ބަޔާނުގައި އިތުރަށް ބުނީ، ނޮވެމްބަރު 2023، ގައި މަސް ފެކްޓަރީ ބަންދުކޮށް ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓާލަން ނިންމީ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ދަތިތަކުން އަރައިގަނެވޭނެ އަލިމަގެއް ނުފެނުމުން ކަމަށެވެ.

ނަމަވެސް، އާ ވިޔަފާރި މޮޑެލް އަކާއެކު އެ ކުންފުނިން މުވައްޒަފުންނަށް ދެރަގޮތެއް ވިޔަ ނުދިނުމުގެ ބޭނުމުގައި އެ ކުންފުނިން މި އަހަރުގެ ޖެނުއަރީ މަހު އަލުން މަސައްކަތް ފެށި އެވެ. ސީއެމްއެފްގެ ބަޔާނުގައި ބުނީ އަލުން މަސައްކަތް ފެށުމުން ކުންފުނީގެ ހާލަތު އިތުރަށް ގޯސްވީ ކަމަށެވެ.

މިހާރު އެ ކުންފުނިން ވަނީ އިންވެސްޓުމަންޓުތައް ވިއްކާލަން ވެސް ނިންމާފަ އެވެ. ނަމަވެސް މުވައްޒަފުންގެ ޝަކުވާތައް އަޑުއަހާ މުސާރައިގެ ކަންކަން ހަމަޖައްސައިދޭން ސީއެމްއެފް އިން ވަނީ ނިންމާފަ އެވެ.

މި މަސައްކަތުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށް އިންސާނީ ހައްގުތަކާ ބެހޭ ވަކީލަކު ތިންވަނަ ފަރާތެއްގެ ގޮތުގައި ކަނޑައަޅާ މުވައްޒަފުންގެ މުސާރަތައް ހަލާސްކުރާނެ ގޮތުގެ އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.