23 ޖުލައި 2024 - 13:44 0
އަހުމަދު އާއިދު
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު: އޭނާ ވިދާޅުވީ ނުދީގެން އުޅެނީ ކޮވިޑު ވެކްސިނާ ގުޅޭ މައުލޫމާތެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސްރ
23 ޖުލައި 2024 - 13:44 0
ރައީސް އޮފީހުން މައުލޫމާތު ނުދޭތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މައްސަލައެއް ހުށަހެޅީ މި ސަރުކާރާ ގުޅުންހުރި މައްސަލައެއްގައި ނޫން ކަމަށް އެ އޮފީހުން ބުނެފި އެވެ.
ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެއީ މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށާއި އެއީ މާ ކުރިން ހުށަހެޅި އާރުޓީއައި ރިކުއެސްޓަކަށް ރައީސް އޮފީހުން ޖަވާބު ނުދިނުމުން ހުށަހެޅުނު މައްސަލައެއް ކަމަށެވެ.
"މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މަޢުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށަހަޅާ އޭރު މައުލޫމާތު ނުދީ އޮތް މައްސަލައެއް،" ހީނާ ލިޔުއްވާފައިވެ އެވެ.
ރައީސް އޮފީހާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އެދި އައިކޮމް އިން ޕީޖީއަށް ހުށަހެޅީ އިއްޔެ އެވެ. ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލާގައި ޖިނާއީ ކުށެއް ވޭތޯ ބެލުމަށް ފުލުހަށް ހުށަހަޅާފަ އެވެ.
މި މައްސަލައާ މިހާރުގެ ސަރުކާރާއި ގުޅުމެއް ނެތް ކަމަށް ރައީސް އޮފީހުން ބުނިއިރު، ސަރުކާރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭ އެ އޮފީހުން އާރުޓީއައި ރިކުއެސްޓުތަކަށް ޖަވާބު ނުދޭ މައްސަލަ ބޮޑެވެ. އަދި، ޖަވާބު ނުދީގެން އައިކޮމް އަށް ހުށަހެޅޭ މައްސަލަތަކުގެ އެއްވެސް އަޑުއެހުމެއްގައި އެ އޮފީހުން ބައިވެރި ނުވެ އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަހު މައުލޫމާތު ނުދީގެން 149 މައްސަލައެއް އައިކޮމްއަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 31 މައްސަލަ ހުށަހަޅާފައިވަނީ ރައީސް އޮފީހާ ދެކޮޅަށެވެ. މިގޮތަށް ޖަވާބު ނުދީ އަޑުއެހުންތަކަށް ހާޒިރުނުވާތީ ރައީސް އޮފީހާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރުވެސް ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތުމަށް ފަހު ޑިސެމްބަރު 5, 2023 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ ސަރުކާރުން މައުލޫމާތު ހޯދަން އާރުޓީއައި ލާން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާނީ، ދެ ފުށް ފެންނަ ގޮތަށް. އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މަޢުލޫމާތު ހިއްސާ ކުރާނެ..... ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތް ވެސް ހާމަކުރަމުންދާނެ. ތިޔަބޭފުޅުން އާރުޓީއައިއަށް ލާންޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއް ނުވޭ ދާންޖެހޭނެހެނެއް އެނގޭތޯ. ހުރިހާ މައުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ," އެ ދުވަހު ރައީސް ވިދާޅުވި އެވެ.
Comment