Advertisement

ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރެއް ނުކުރެވޭނެ، އެޑިއުކޭޝަނުގެ ނިންމުން މުރާޖާ ކުރަންޖެހޭ: އަޒާން

23 ޖުލައި 2024 - 12:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރެއް ނުކުރެވޭނެ، އެޑިއުކޭޝަނުގެ ނިންމުން މުރާޖާ ކުރަންޖެހޭ: އަޒާން

23 ޖުލައި 2024 - 12:03 0

ސަރުކާރުގެ ސިޔާސަތު އެކުލަވައިލުމަށް ހުރަސްއެޅޭ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓަރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ކުރަން އެ މިނިސްޓަރީން ނިންމި ނިންމުން މުރާޖާ ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އޭނާއަކީ ވެރިކަންކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮންނަ ޕީއެންސީގެ މެންބަރެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ "ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ނުކުރެވޭނެ" ކަމަށާއި އެއީ "ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް" ކަމަށެވެ.

"މި ނިންމުން މުރާޖާ ކުރަންޖެހޭ،" އެޑިއުކޭޝަންގެ ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ކުރަން ނިންމި "އަދަދު" ގެ ޕޯސްޓު ރީޕޯސްޓު ކުރައްވައި އަޒާން ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަ ކުރަން ލާޒިމުވާ ގޮތަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ހުސް ކުރަން ނުފެންނަ ކަމަށް އަޒާނު ވޯޓު ދެއްވި އެވެ. އޭނާ އިންނަވާ މާލިއްޔަތު ކޮމިޓީއާ ވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ހިއްސާކުރަން ސަރުކާރުގެ އިދާރާތަކުން ވަނީ ދެކޮޅު ހަދާފަ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކުރަން އެޑިއުކޭޝަން މިނިސްޓަރީން ނިންމާފައިވާކަން އެ މިނިސްޓަރީން އެންގީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީއަށް އައްޔަން ކުރި ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށް "އަދަދު" އިން އެދުމުން ދިން ޖަވާބުގަ އެވެ.

މި ނޫހުގެ ރިކުއެސްޓަށް އެޑިއުކޭޝަނުން ފުރަތަމަ ޖަވާބެއް ދިނީ މެއި 9، ގަ އެވެ. އެފަހަރު އެޑިއުކޭޝަނުން ބުނީ އެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އަދާހަމަ ނުވުމާއި، އެ ސައިޓުގައި އާންމުކުރަނީ ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މަތީ މަގާމުތަކުގެ މައުލޫމާތު ކަމުން މި ނޫހުން ވާނީ އެ ޖަވާބު މުރާޖައާ ކުރުމަށް ފޮނުވައިފަ އެވެ. އެ ހުށަހެޅުމަށް ޖަވާބެއް ނުލިބުމުން އިންފޮމޭޝަން ކޮމިޝަނަރު ގެ އޮފީސް (އައިކޮމް) އަށް މި ނޫހުން މައްސަލަ ވާނީ ހުށަހަޅާފަ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރުމާއެކު ޖުލައި 18، ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެވަނަ ޖަވާބެއް ދީފަ އެވެ.

އެ ޖަވާބުގައި ބުނެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ "31 ވަނަ މާއްދާގެ (1) ވަނަ ނަންބަރަށް ރިއާޔަތްކޮށް އެދިލައްވާފައިވާ މައުލޫމާތު ދެވެން ނެތް," ކަމަށެވެ.

މިނިސްޓްރީން ރިއާޔަތްކުރި މާއްދާގެ ނަންބަރަކީ ނަތީޖާ ހާސިލުކުރެވޭ ގޮތެއްގައި، ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސްއެޅޭފަދަ މައުލޫމާތެއް ސިއްރުކުމުގެ ބާރު ލިބިދޭ ނަންބަރެވެ.

އެޑިއުކޭޝަނުން ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށްފައިވާއިރު މި ސަރުކާރުގައި ހިމެނޭ 22 ވުޒާރާގެ ތެރެއިން 13 ވުޒާރާއަކުން ވަނީ އެ އަދަދުތައް މި ނޫހާ ހިއްސާކޮށްފަ އެވެ. އެޑިއުކޭޝަން ފިޔަވާ ޖަވާބު ނުދޭ މިނިސްޓްރީތަކުން ހުށަހެޅުމަށް ޖަވާބުދީފައެއް ނުވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވަމުންނެވެ. އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަަދަދު މިހާރު 2,000 އާ ގާތްކުރާނެ އެވެ.

ނަމަވެސް ސަރުކާރުން ދަނީ ތަކުރާރުކޮށް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުން ފަސްކޮށް އެކަމާ ދެކޮޅު ހަދަމުންނެވެ. އެކަން ކުރުމަށް ގޮވާލާ މިދިޔަ ހަފުތާ އިދިކޮޅުން މަޖިލީހަށް ވެއްދި ކުއްލި މައްސަލަ ވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ ބޭރުކޮށްލާފަ އެވެ.