Advertisement

އަލްވަރޭޒްގެ ނިންމުން ބަދަލުކުރެވޭތޯ ސިޓީން މަޝްވަރާގެ މޭޒަށް: ރިޕޯޓް

23 ޖުލައި 2024 - 07:04 0


އަލްވަރޭޒްގެ ނިންމުން ބަދަލުކުރެވޭތޯ ސިޓީން މަޝްވަރާގެ މޭޒަށް: ރިޕޯޓް

23 ޖުލައި 2024 - 07:04 0

ލަންޑަން (ޖުލައި 23) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒް، އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، އެ ނިންމުން ބަދަލުކުރަން، އޭނާއާ އެކު ސިޓީން މަޝްވަރާތަކެއް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަލްވަރޭޒް، 24، އަށް ސިޓީން މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އާ ކޮންޓްރެކްޓެއް ދިނެވެ. އެކަމަކު، އޭނާ އެ ޑީލަށް އެއްބަހެއްނުވި އެވެ. އެއީ، މިހާރު، ހަދާފައި އޮތް ޑީލަށް އިތުރު އެއް އަހަރު ހިމަނައި، މުސާރަ ބޮޑުކޮށްފަ އެެވެ. އެކަމަކު، 2029 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަދަން އުޅުނު އެ ޑީލް ކުރިއަކަށް ނުދިޔަ އެވެ.

ދާދި ފަހުން، ކޮޕަ އެެމެރިކާގެ ތަަށި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދި އާޖެންޓީނާ ޓީމަށް ވެސް ކުޅުނު އަލްވަރޭޒް، މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ހުކުރު ދުވަހު ފަށާ އޮލިމްްޕިކްސް އަށެވެ. ސިޓީން ވަނީ އަލްވަރޭޒް، އޮލިމްޕިކްސް ނިންމާލުމާ އެކު، އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން މަޝްވަރާ ކުރަން ނިންމައިފަ އެވެ.

އާޖެންޓީނާ އާއި ދެކުނު އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މިިދިޔަ ސީޒަނު ޕްރިމިއާ ލިގުގައި 36 މެޗުން 11 ލަނޑު ޖެހި، އަލްވަރޭޒް، ސިޓީ ދޫކޮށްލަން ބޭނުންވަނީ، އެ ކްލަބްގެ ފަށާ 11 ތެރޭގައި އޭނާ އަށް ޖާގަ ޔަގީންވާ ނިސްބަތް މަދުވާތީ އެވެ. ސިޓީން އެއް ވަނަ ފޯވާޑަކަށް ނޯވޭގެ އާލިން ބްރައުޓް ހާލަންޑް ބޭނުންކުރާއިރު، މިދިޔަ ސީޒަނުގައި އަލްވަރޭޒަށް ގިނަ ފުރުސަތު ލިބުނީ، ދެ މަހެއްހާ ދުވަހަށް ހާލަންޑް އަަނިޔާއާ ހެދި ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ.

އާޖެންޓީނާގެ ރިވަޕްލޭޓް ދޫކޮށް، ޖުމްލަ އެކު، 25 މިލިއަން ޑޮލަރަށް އަލްވަރޭޒް، ސިޓީ އަށް ބަދަލުވީ، 2022 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އެ ޑީލް އޮތީ، އެ އަހަރުގެ ޖެނުއަރީގައި ވެސް އެއްބަސްވެފަ އެވެ. ސިޓީން ބޭނުންވީ، އަލްވަރޭޒް، ވެސް އެދޭތީ، ރިވަޕްލޭޓާ އެކު ސީޒަން ނިންމާފައި ސިޓީ އަށް ބަދަލުވުމަށެެވެ.

އަލްވަރޭޒް ވަނީ ސިޓީއާ އެކު، ޕްރިމިއާ ލީގު ދެ ފަހަރު، ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

ހަވިއޭ މަޝެރާނޯގެ ކޯޗުކަމުގައި އާޖެންޓީނާ އިން ޕެރިސް އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ކުޅޭއިރު، އަލްވަރޭޒްގެ އިތުރުން ދެން ސީނިއާ ކުޅުންތެރިންގެ ގޮތުގައި ހިމެނެނީ، ނިކޮލަސް އޮޓަމެންޑީ އާއި ކީޕަރު، ޖެރޮނީމޯ ރޫލީ އެވެ. އާޖެންޓީނާ ހިމެނެނީ، މޮޮރޮކޯ އާއި ޔޫކްރެއިން އަދި އިރާގާ އެކު، ގްރޫޕް ބީގަ އެވެ.