Advertisement

ސޯލިހުގެ އެމެރިކާ ދަތުރުގެ ރަސީދުތައް ނުދިނުން މި ސަރުކާރުންވެސް ދިފާއުކުރުމުން އަޒާންގެ ނުރުހުން އުޝާމް އަށް

22 ޖުލައި 2024 - 10:28 3

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ސޯލިހުގެ އެމެރިކާ ދަތުރުގެ ރަސީދުތައް ނުދިނުން މި ސަރުކާރުންވެސް ދިފާއުކުރުމުން އަޒާންގެ ނުރުހުން އުޝާމް އަށް

22 ޖުލައި 2024 - 10:28 3

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ފެންނަ ފައިސާގެ ރަސީދުތައް ނުދިނުމަށް ކުރީގެ ސަރުކާރުން ނިންމި ނިންމުން މި ސަރުކާރުންވެސް ދިފާއުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ނުރުހުން ފާޅުކުރައްވައިފި އެވެ.

މި ދަތުރަކީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ސޯލިހު ކުރެއްވި ދަތުރެކެވެ. އެ ދަތުރުގެ ރަސީދުތައް ހޯދަން އަޒާން އެދުނީ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު އެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާން ކުރަނީ "ތިންވަނަ ފަރާތެއްގެ މިލްކަކަށް ނުވާ" ދައުލަތުގެ މުއައްސަސާއެއްގައި ރައްކާކޮށްފައިވާ މައުލޫމާތެއް ދިނުމަށް ކަމަށެވެ. އެހެންކަމުން މިހާރު އެދިފައިވާ ރަސީދުތައް ދިނުން ގާނޫނު ލާޒިމު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއާއެކު އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، މިއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ދައުލަތުގެ ހަރަދު ތަކަކީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތު ކަމަށެވެ.

"ރައްޔިތުންގެ ފައިސާ ހަރަދު ކުރުމަށްފަހު އޭގެ ރަސީދަކީ ޒާތީ މައުލޫމާތަކަށް ނުވާނެ، އުޝާމް މި ސްޓޭންޑު ބަދަލުކުރައްވާނެ ކަމަށް އުންމީދުކުރަން،" އޭޖީ އަހުމަދު އުޝާމް ޓެގު ކުރައްވާ އޭނާ ލިޔުއްވާފައިވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަޒާން ތިން މައުލޫމާތެއް ދިނުމަށް އެދިފައިވެ އެވެ. އެއީ ދަތުރުކުރެއްވި ވަފުދުގެ ވަކިވަކި ބޭފުޅުންގެ ނަންތަކާއި ޓިކެޓަށް ކުރި ހަރަދުގެ އިތުރުން ހަރަދުގެ ޖުމުލަ އަދަދާއި އެ ހަރަދުތައް ކުރުމަށް ހިންގާފައިވާ ފައިސާގެ ރަސީދެވެ. އޭގެ ތެރެއިން ރަސީދު ފިޔަވައި އެހެން މައުލޫމާތުތައް ދޫކުރި އެވެ.

މި ހަރަދުތައް ހާމަކުރުމަށް ރައީސް އޮފީހުން އޭރު ދެކޮޅު ހަދާފައި ވަނީ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާވުމަކީ ވެސް މައުލޫމާތު ހާމަކުރުމުން ކުރިމަތިވުމުގެ އިހުތިމާލު އޮތްކަމެއް ކަން ފާހަގަކޮށެވެ.

ފުރަތަމަ ހައި ކޯޓުން ނިންމީ އެފަދަ މައުލޫމާތުތައް އުނިކޮށްފައި ރަސީދުތައް ދޫކުރުމަށެވެ. މިއަދު ބޭއްވި އަޑުއެހުމަކީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ހައި ކޯޓުގެ ނިންމުމުގައިވާ ގޮތުން ވެސް ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ އަސްލު ދޫކުރަން ޖެހޭނެ ކަމަށާއި އެޓާނީ ޖެނެރަލް އޮފީހުން އެދެނީ ހައި ކޯޓުގެ އެ ނިންމުން ބާތިލު ކޮށްދިނުމަށް ކަމަށް އެ އޮފީހުގެ ވަކީލު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.