21 ޖުލައި 2024 - 15:33 0
މުހައްމަދު ޝަހްޒާން
21 ޖުލައި 2024 - 15:33 0
ވ. ބޮޑުފިނޮޅު ވިއްކާލުމުގައި ގާނޫނާ ހިލާފަށް ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެ އަތޮޅު ކައުންސިލު މެންބަރުންނަށް ގަބޫލު ކުރެވޭ ނަމަ ކޯޓަށް ދާން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިމޭރުމުން ވާހަކަދެއްކެވީ މިދިޔަ ބުދަ ދުވަހު ވ. އަތޮޅު ކައުންސިލާއެކު ޓޫރިޒަމް މިނިސްޓަރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އަތޮޅު ކައުންސިލުގެ ނައިބު ރައީސް، މުހައްމަދު އިމްތިޔާޒާއި ކެޔޮދޫ ކައުންސިލުގެ ރައީސް އަހުމަދު ސިރާޖާއި ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ހުސެއިން އެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ވިދާޅުވީ އެއްވެސް ކަންބޮޑުވުމެއް ހިއްސާ ކުރުމުގެ ފުރުސަތު މިނިސްޓަރު ފައިސަލް އެދުވަހު ނުދެއްވި ކަމަށެވެ.
"މިނިސްޓަރު ވިދާޅުވީ މިހާރު މި ބައްދަލު ކުރެވޭ ގޮތަށް ކީއްވެހެއްޔޯ ކުރިން ބައްދަލު ނުކުރީ، ޕްރިންސް ފައިސަލް ޖަހައިގެން ގޮސް މުޒާހަރާ ކުރީމަ ކަމަކު ނުދެޔޯ، ތިމަންނައަކީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރޯ،" ޝިފާގު ވިދާޅުވި އެވެ.
ބޮޑުފިނޮޅު ވިއްކާލުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ކައުންސިލުގެ މެންބަރުން މަސައްކަތް ކުރެއްވި ނަމަވެސް ފައިސަލް އެ ފުރުސަތު ނުދެއްވި ކަމަށް ވެސް ޝިފާގު ވިދާޅުވި އެވެ.
"ވިދާޅުވީ މިއީ އަޅުގަނޑު ތިބޭފުޅުންނާ ބައްދަލު ކުރަން ބާއްވާ ބައްދަލުވުމެކޭ، [އެހެން ވިދާޅުވެފައި އެންގެވީ މިނިސްޓަރުގެ ގެ ވާހަކަ ނިމެންދެން މަޑު ކުރުމަށް،" ޝިފާގު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެއްވެސް ފުރުސަތެއް ނުދެއްވާ، މިނިސްޓަރު ދައްކަވަން ބޭނުންފުޅުވި ވާހަކަތައް ދައްކަވާފައި ވަޑައިގެންނެވީ އެހެން މީޓިންއަކަށޭ ކިޔާފައި، ބައްދަލުވުން ދެން ކުރިއަށް ގެންދިޔައީ ޓޫރިޒަމް މިނިސްޓަރީގެ ސްޓޭޓުންނާއެކު، މިނިސްޓަރު ވިދާޅުވީ ބޮޑުފިނޮޅު ވިއްކައިލުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ގަބޫލު ކުރާނަމަ ކޯޓަށް ދިޔުމަށް،" ޝިފާގު ވިދާޅުވި އެވެ.
ވ. އަތޮޅު ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި އޮތް އެ ފިނޮޅު ވިއްކައިލީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއަށެވެ.
ބޮޑުފިނޮޅަކީ ވ. އަތޮޅުގައި، ހުރިހާ ދިޔަވަރެއްގައި ވެސް ބޭނުން ކުރެވެން އޮތް ހަމަ އެކަނި ފިނޮޅު ކަމަށާއި ވ. އަތޮޅުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން ކ. އަތޮޅާއި އަރި އަތޮޅުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުން ވެސް އެކްސްކާޝަންތަކަށް ހަމައެކަނި ބޭނުން ކުރެވެން އޮތީ ބޮޑުފިނޮޅު ކަމަށް ވ. އަތޮޅު ރައްޔިތުން ބުނެ އެވެ.
ބޮޑުފިނޮޅު ވިއްކައިލުން ކުށްވެރިކޮށް މިދިޔަ ހަފުތާގައި އެ އަތޮޅު ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އެ މުޒާހަރާގައި ވ. އަތޮޅުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ގިނަ ފަރާތްތަކުން ބައިވެރިވެ އަޑު އުފުލި އެވެ.
ވ. އަތޮޅު ރައްޔިތުންނާއި އަތޮޅު ކައުންސިލުން ބުނަނީ ބޮޑުފިނޮޅު ވިއްކާލަން ސަރުކާރުން ނިންމީ އެއްވެސް ގޮތަކަށް އެ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އެ ނިންމުން ގާނޫނާ ހިލާފު ކަމަށް ވ. އަތޮޅު ރައްޔިތުން ބުނަނީ އެހެންވެ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 68. މާއްދާގެ ހ. ގައި ބުނެފައި ވަނީ:
"ސިޓީއެއްގައި ނުވަތަ ރަށެއްގައި ހިންގާ ޕްރޮޖެކްޓްތައް: 68. (ހ) އަތޮޅު ކައުންސިލުން ނުވަތަ ޤައުމީ އިދާރާއަކުން ނުވަތަ ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ މަދަނީ ޖަމްޢިއްޔާއަކުން ނުވަތަ އެނޫންވެސް ފަރާތަކުން އިދާރީ ދާއިރާއެއްގައި އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކާ މަޝްވަރާކުރަންވާނެއެވެ. އެގޮތުން ކުރެވޭ މަޝްވަރާތަކުގައި ރަށާއި އިދާރީ ދާއިރާގައި ހުންނަ އެކަމާގުޅޭ އެންމެހައި މުއައްސަސާތައް ބައިވެރިވުމުގެ ފުރުޞަތު ދޭންވާނެއެވެ" މިހެންނެވެ.
ބޮޑުފިނޮޅު ކުއްޔަށް ދޫކުރިއިރު އެއްވެސް މަޝްވަރާއެއް ނުކުރާކަމާއި އެއީ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރުމުން ބުދަ ދުވަހުގެ ބައްދަލުވުމުގައި މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރުން ވެސް އެކަން ގަބޫލު ކުރެއްވި ކަމަށް ޝިފާގު ވިދާޅުވި އެވެ.
"އެމީހުން ބުނީ ޕާސަނަލީ ގަބޫލު ކުރަމޯ މަޝްވަރާ ކުރަންޖެހޭނެކަމަށް، އެކަމަކު ކީއްވެހެއްޔޯ މިހައި ދުވަސްވީއިރު ތި ކަންބޮޑުވުން ހިއްސާ ނުކުރީ، ދެން އަޅުގަނޑުމެން ބުނިން ލާމަރުކަޒީ ގާނޫނުގައި އެބަ އޮތެއް ނޫންހެއްޔޭ އަޅުގަނޑުމެންނާ މަޝްވަރާ ކުރަންޖެހޭ ކަމަށް، އެހެންވީމަ އެއީ ތިބޭފުޅުންގެ ޒިންމާއެއް ނޫންހެއްޔޭ،" ޝިފާގު ވިދާޅުވި އެވެ.
ދިގު މުއްދަތަށް ބޮޑުފިނޮޅު ވިއްކައިލުމުގެ ބަދަލުގައި އެ ފަޅު ގަންނަން އުޅޭ ފަރާތަށް އެ އަތޮޅު އިރުމަތީ ދުނީގައި މީހުން ދިރިއުޅޭ ރަށްތަކާ ކައިރީގައި އޮންނަ މަޑިއްޕަރު ފަޅު ދޭން، އެ ބައްދަލުވުމުގައި ވ.އަތޮޅު ކައުންސިލުން ހުށަހެޅި އެެވެ.
މަޑިއްޕަރު ފަޅަކީ ހެޔޮވަރުގެ ފުންމިނެއް އެކުލެވޭ ވިލަކާއި ހިކިދިޔައިގައި ފިނޮޅު ހެދޭ ތިލަ ސަރަހައްދު ވެސް ހިމެނޭ ފަޅެކެވެ.
ބޮޑުފިނޮޅު ވިއްކައިލުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް މާބޮޑު ކުރިއެރުމެއް އެ ބައްދަލުވުމުން ނުލިބުނު ކަމަށް ޝިފާގު ވިދާޅުވި އެވެ. ނަމަވެސް ބައްދަލުވުން ނިންމާލުމުގެ ކުރިން ވ. އަތޮޅު ކައުންސިލުން ހުށަހެޅި ގޮތަށް ބޮޑުފިނޮޅުގެ ބަދަލުގައި މަޑިއްޕަރު ފަޅު ކާނި ހޮޓެލްސްއަށް ދެވޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރީން ދިން ކަމަށް ޝިފާގު ވިދާޅުވި އެވެ.
Comment