Advertisement

ފީފާ ރޭންކިންގައި ރާއްޖެ އަށް ބޮޑު ވެއްޓުމެއް

21 ޖުލައި 2024 - 11:04 1

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމު.--- ފޮޓޯ: އަދަދު


ފީފާ ރޭންކިންގައި ރާއްޖެ އަށް ބޮޑު ވެއްޓުމެއް

21 ޖުލައި 2024 - 11:04 1

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، ފީފާ އިން މި މަހު ނެރުނު ރޭންކިންގައި ރާއްޖެ އަށް 8 އަހަރު ތެރޭގައި އެންމެ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރާއްޖެ މި ފަހަރު އޮތީ ފީފާ ރޭންކިންގެ 163 ވަނައިގަ އެވެ. މިއީ، 2016 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ އެންމެ ދަށް ރޭންކިން އެވެ. މިދިޔަ ދޮޅު އަހަރު ރާއްޖޭން، އާންމު ގޮތެއްގައި އޮތީ، ފީފާ ރޭންކިންގައި ދުނިޔޭގެ 155 ވަނައިގަ އެވެ.

އެކަމަކު، މި މަހު 18 ވަނަ ދުވަހު ނެރުނު ރޭންކިންގައި، ރާއްޖެ 163 ވަަނައިގައި އޮތްއިރު، މިއީ، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ރޭންކިންގައި 165 ވަނަ އަށް ވެއްޓުނު ފަހުން، ދެން، މިދިޔަ އަށް ވަރަކަށް އަހަރު ތެރޭ ރާއްޖޭން ރޭންކިންގެ އެންމެ ފަހަތަށް ސޮއްސާލި ފަހަރެެވެ.

ރާއްޖެ ރޭންކިންގެ ފަހަތަށް ދަމުން އަންނަނީ، ބައިނަލްއަގުވާމީ މެޗުތައް ނުކުޅޭތީ އެވެ. އެ ގޮތުން، އެންމެ ފަހުން، އައި ފީފާ އިންޓަނޭޝަނަލް ބްރޭކުގެ ތިން ބްރޭކުގައި ވެސް ރާއްޖޭން މެޗެއް ނުކުޅެ އެވެ. ގައުމީ ޓީމުން އެންމެ ފަހުން މެޗެއް ކުޅެފައިވަނީ، މިދިޔަ އޮކްޓޫބަރު މަހު ބަންގްލަދޭޝާ ދެކޮޅަށް ފީފާ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ.

ފީފާ ރޭންކިންގައި ރާއްޖެ އެންމެ ދަށްކޮށް އޮތީ، 1997 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު ރޭންކިންގައި 183 ވަނައިގަ އެވެ. ރޭންކިންގައި ރާއްޖޭގެ އެންމެ ރަނގަޅު ރެކޯޑަކީ، 2006 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ރޭންކިންގައި ދުނިޔޭގެ 124 ވަނަ އަށް ޖެހިލުމެވެ.

ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބަނގުރޫޓްވާ ހާލަތުގައި އޮތްއިރު، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި ފުލުހުން ގުޅިގެން އަންނަނީ އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލްއާ ގުޅޭ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. މި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ފީފާ އިން ވެސް ވަނީ މި ކަންކަމަށް ބަލައި، އެ ފެޑެރޭޝަނުގެ ތަހުގީގަށް، ބައްސާމް، ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ.

ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ދެ ވަނަ ދައުރުގެ މުއްދަތު މި މަހު ދެ ވަނަ ދުވަހަށް ހަމަވިއިރު، އާ އިންތިހާބެއް ބޭއްވުމުގެ ކަންކަން އޮތީ، އޭއެފްސީ އާއި ފީފާގެ އެންގުމަށް މަޑުޖައްސާލަން ޖެހިފަ އެވެ. ފީފާ އިން އަންގާ ގޮތަށް، މި ވަގުތު، އެފްއޭއެމްގެ ކަންކަން ކުރަމުން އަންނަނީ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) އެވެ.