Advertisement

ބޭރުން ކިޔަވާ ގިނަ ކުދިން އެނބުރި ނާންނަނީ ރާއްޖޭގައި އުޅެވެން ނެތީމާ، އެކަން ހައްލުކުރާނަން: ރައީސް

18 ޖުލައި 2024 - 22:38 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މިރޭ ހައިއެޗީވާސް އެވޯޑް ލިބުނު ދަރިވަރުންނާ މުހާތަބުކުރައްވައި ރައީސް ވާހަކަދައްކަވަނީ، ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަމަކީ ބޭރުން ކިޔަވާ ކުދިން އެނބުރި ނާންނަ އެއް ސަބަބުކަމަށް. ފޮޓޯ: ރައީސް އޮފީސް


ބޭރުން ކިޔަވާ ގިނަ ކުދިން އެނބުރި ނާންނަނީ ރާއްޖޭގައި އުޅެވެން ނެތީމާ، އެކަން ހައްލުކުރާނަން: ރައީސް

18 ޖުލައި 2024 - 22:38 1

ރާއްޖޭން ބޭރުން ކިޔަވާ ގިނަ ދަރިވަރުންތަކެއް، ކިޔަވައި ނިމުމަށް ފަހު ރާއްޖެއަށް އެނބުރި ނައިސް މަޑުކުރާ ކަމަށާއި އެއީ ބޯހިޔާވަހިކަމުގެ ދަތިކަމާއި ވަޒީފާ ނުލިބުން ފަދަ މައްސަލަތަކާ ހެދި ރާއްޖޭގައި އުޅެވެން ނެތީމާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހާސިލުކުރި ދަރިވަރުންނަށް އެކަމުގެ ލިއުން ހަވާލުކުރަން، ހުޅުމާލޭ، ހުރަވީ ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކިޔަވައި ނިމިގެން އަމަލީ މަައިދާނަށް ނުކުންނަ އިރު، "ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ" ދަރިވަރުން ވިސްނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ހަގީގަތުގައި އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިރާއްޖޭގައި އަދި މުޅިން ހުރިހާ ކަމެއް ހުރީކީ އެންމެ ފުރިހަމައަކަށް ނޫން. އެއީ ގެދޮރުވެރިކަމުގެ ގޮތުން ބެލިޔަސް، ތިޔައިގެ ތެރެއިން ގިނަ ކުދިން އުޅޭނީ ވަރަށް ހާލުގައި، ކުއްޔަށް، ޑިއުޓީ ބަހައިގެން ނިދާ ގެތައް ވެސް މަދެއް ނޫން މާލޭގައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އާއިލާތަކުގެ އެކި މެންބަރުން ހޯދާ އާމްދަނީ އެއްކޮށްލައިގެން ކުލިދައްކާ އާއިލާތައް ވެސް މާލޭގައި މަދެއް ނޫނެވެ. މިރޭ ހޯދި ކާމިޔާބީ ލިބުނު ބައެއް ކުދިން އެ ކާމިޔާބީއާ ހިސާބަށް ގޮސްފައި ވާނީ ވަރަށް ހާލުގައި ފިލާވަޅު ހަދައިގެން ކަން ވެސް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ގެދޮރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ކަންތައް އޮތީ މުޅިން ރަނގަޅަކަށް ނޫން. އެހެންވީމާ ވަރަށް ގިނަ ކުދިން ކިޔަވައިނިމިގެން ރާއްޖެ ނައިސް އެބަ މަޑުކުރޭ. އެއީ މިތަނަށް އައިސް އުޅެވޭނެ ގޮތެއް ނެތީމާ މިއަދާ ހަމައަށް އައިރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމުގެ ގޮތުން ރާއްޖޭގައި އޮތް ދަތިކަން ފިލުވައިލުމުގެ މަސައްކަތަކީ އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ކަނޑައެޅުއްވީ ވެސް އެހެންވެ އެވެ. ކިޔަވައި ނިމިގެން އަނބުރާ އަންނާނީ ރާއްޖެއަށް ކަމަށް ދަރިވަރުން ކަނޑައަޅަން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށާފައި އޮތް މަސައްކަތް، ގެދޮރުވެރިކަމުގެ އަމާޒު ހާސިލުކުރަން ފަށާފައި އޮތް މަސައްކަތް އިންޝާއަަﷲ ކާމިޔާބުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިކަމުގެ އަމާޒު ހާސިލުކުރަން ފަށާފައި އޮތް މަސައްކަތަކީ ސީދާ ކޮން މަޝްރޫއެއް ކަން ރައީސް މިރޭ ވިދާޅު ނުވި ނަމަވެސް މިސަރުކާރުން ފެށި ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫއަކީ ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫ އެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ނިމޭ އިރު، އާއިލާއާ އެކީގައި އުޅެން ބޭނުންވާ ކުދިންނަށް އެފުރުސަތާއި ވަކިން އުޅެން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.